ވޭތުވެ ދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ބަނގުރަލުގެ މައްސަލަ ތަކުގައި އެއްގޮތަކަށްވެސް އަޅާލާފައިނެތް ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މަދަނީ ތައުލީމްގެ ގައުމީ ކެންޕޭންގެ ދަށުން ކ.ތުލުސްދޫގައި ހިންގި އަމާން ރަށްވެހިކަމާއި ބެހޭ މަސައްކަތު ބައްދަލުން ނިމުމުގެ ގޮތުން އެރަށުގައި މިރޭ ބޭއްވި ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރު ބަނގުރަލުގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކޮށްފައިނުވާ ކަމަށާއި އަދި އެއީ ކުށެއްނޫން ކަމަށް ހަދާފައިވާ ކަމަށެވެ.

"ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އަޅައެއްނުލާ އެކަމަކަށް [މަސްތުވާތަކެތީގެ މައްސަލަތަކަށް]. މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން ހާއްސަ ކޮށް ބަނގުރަލުގެ މައްސަލަތަކުގައި ތަހުގީކޮށް ދައުވާ ކުރުމެއްވެސް ނެތް. އެއީ ކުށެއް ނޫން ކަމަށް ހަދާފައި މި އޮތީ،" ޖަމީލް ވިދާޅުވި އެވެ.


ރާއްޖޭގައިކުރާ ކުށްތަކުގެ ތެރެއިން 90 ޕަސެންޓް ގުޅިފައިވަނީ މަސްތުވާ ތަކެއްޗާކަން ފާހަގަ ކުރަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހަގީގަތަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރުކުރުމުން އެކަން ގޯސްވުން ކަމަށެވެ.

އަދި ވިދާޅުވީ މަސްތުވާ ތަކެތީގެ މައްސަލަތަކުގެ ވާހަކަވެސް ބައެއް ފަރާތްތަކުން މިހާރު ދައްކަންވެސް ބޭނުން ނުވާކަމަށެވެ.

"މިއަދުގެ ހަގީގަތަކީ [މަސްތުވާ ތަކެތި ބޭނުން ކުރާ] ވާހަކަ ދައްކާ މީހާ ގޯސް. [މަސްތުވާތަކެތި ބޭނުން ކުރާ މީހާ] ހިފަންދާ ފުލުސްމީހާ ގޯސް. އެވަގުތު އެ ތަނުގައި ހުންނަ ހޯމް މިނިސްޓަރު ގޯސް. އެހާ ހިސާބަށް އަޅުގަނޑުމެންގެ ކަންތައްތައް ގޯސްވަމުން މި ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން މުޖުތަމައު ދިމާވެފައިވާ ނުރައްކާތެރި ކަމުން ގައުމު ސަލާމަތް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށާއި ބަޔަކު ކިތަންމެ ހިތް ހަމަ ނުޖެހުނަސް ބަނގުރާ ގެންގުޅޭ ކަމުގައިވާ ނަމަ ހިފާ ހައްޔަރުކުރާނެ ކަމަށެވެ.

"ބަޔަކު ރުހުނަސް ނުރުހުނަސް ބަނގުރާ ގެންގުޅޭ ކަމުގައި ވަނީ ނަމަ ފުލުހުންދާނެ. ހިފާނެ. ހޯދާނެ. އަޅުގަނޑު އެކަމަށް ފުލުހުންނަށް އިލްތިމާސްކުރަން. އިރާދަކުރެއްވިއްޔާ ފުލުހުން އެކަން ކާމިޔާބުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށް ދެ ދުވަހެއްގެ މުއްދަތަށް ހިންގި ކުށްމަދު ކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުން ނިންމުގެ ރަސްމިޔާތުގައި މިނިސްޓަރު ވަނީ ކުށްތައް ގިނަވުން ހުއްޓުވުމުގައި ކޮންމެ މީހެއްގެ ވެސް ޒިންމާއެއްވާކަން ގަބޫލު ކޮށްގެން އެންމެންވެސް އެކަމަށް މަސަކަތްކޮށް ދެއްވުމަށް ގޮވާލާފަ އެވެ.