24 Nov 2012, 09:16
ދައުލަތުގެ ތިން ބާރުގެ މެދުގައި ފަހަކަށް އައިސް ގިނަ ކޯޅުންތަކެއް ދަނީ ހިނގަމުންނެވެ. ބައެއް ފަހަރު ސަރުކާރާ ރައްޔިތުންގެ މަޖިލީހާ ދެމެދު އެވެ. އަނެއްބައި ފަހަރު ޝަރުއީ ނިޒާމާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެވެ. މީގެ ކުރީގައި ނަމަ ސަރުކާރާއި ޝަރުއީ ދާއިރާއާ ދެމެދުވެސް ވަރުގަދަ ކޯޅުންތައް ހިނގާފައިވެ އެވެ.
ފަހަކަށް އައިސް އެންމެ ބޮޑަށް ހަނގުރާމަ ހިނގަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ދެމެދު އެވެ. އެކި އެކި ތުހުމަތުތަކުގައި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުން ހައްޔަރުކުރަން ޖެހުމުން ސަރުކާރާއި ރައްޔިތުން މަޖިލީހުގެ ދެމެދުގައި ވަރުގަދަ ކޯޅުންތަކެއް ހިނގި އެވެ.
ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ހިނގި އެންމެ ބޮޑު ކޯޅުން ހިނގާފައި ވަނީ މި އަހަރު ފެބްރުއަރީ މަހު ކުއްލި ގޮތަކަށް ސަރުކާރު ބަދަލުވި ހާދިސާ އަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ދެއްކި ހަރުކަށިކަމާއި ގުޅިގެންނެވެ. އެކަން މަޖިލީހުގެ މެމްބަރުން ވަނީ ކަމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ހަމައަށް އުފުލާފަ އެވެ.
ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހު ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންތަކަކަށް އަނިޔާކޮށް، އިންސާނީ ހައްގުތައް ނަގާލި މައްސަލަ ބައިނަލްއަގުވާމީ ޕާލަމެންޓްތަކުގެ ޖަމިއްޔާ، އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް ވަނީ ހުށައަޅާފަ އެވެ. އެ މައްސަލަ އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކާ ބެހޭ ބައިން އައީ ބަލަމުންނެވެ. އެކަމުގައި އިހުމާލުވާ ފަރާތްތަކާ މެދު ގިނަ ފިޔަވަޅުތަކެއް އެޅުމަށް އައިޕީޔޫ އިން ގޮވާލި އެވެ. ނަމަވެސް އެކަން އަދި ވަނީ ނުވެ އެވެ. އެކަން ނުވެ އޮއްވައި އެހެން ދެ މެމްބަރަކު ހައްޔަރުކޮށް، އަނިޔާކުރި ކަމަށް ކުރާ ތުހުމަތުތަކެއް ވެސް އެ ޔޫނިއަން އަށް ހުށައެޅި އެވެ. ދެކަން އެކުގައި ބޮލުއަޅުއްވައިގެން އައިޕީޔޫގެ ހިއުމަންރައިޓްސް ޓީމެއް ރާއްޖެ އައެވެ.
އައިޕީޔޫގެ ޓީމުން ރާއްޖެ ވަޑައިގެން ކުރެއްވި މަސައްކަތްތައް ނިންމަވާ ލެއްވުމަށް ފަހު ނޫސްވެރިންނާ ދެއްކެވި ވާހަކަތަކުގެ ތެރޭގައި މިކޯޅުން ހައްލުކުރަން އޮތް އެންމެ ރަނގަޅު ބޭހުގެ ވާހަކަ ވެސް ވަނީ ދައްކަވާފަ އެވެ.
"ޕާލަމެންޓެއްގައި އަސްލު މިކުރާ ކަމަކީ ސިޔާސީ ދެ ފަރާތެއްގެ މެދުގައި މަގުމަތީގައި އޮތް ހިޔާލު ތަފާތުވުމެއް އެކަން ހައްލުކުރުމަށް އުފައްދާފައިވާ އިދާރާއަކަށް ގެނެސް އެކަން ހައްލުކުރުން، އެހެންވީމާ އެތާގައި ބައެއް ފަހަރު ރުޅިވެރި ވާހަކަތައް ވެސް ދައްކާނެ، އެހާ ތަރުތީބުކޮށް އެތަން ނޯވެދާނެ،" އައިޕީޔޫގެ ޓީމުގެ ހިމެނިވަޑައިގަތް ޕާލަމެންޓާ ބެހޭ ދެކުނު އެފްރިކާގެ މާހިރު ޕީޓާ ލިލިއެންފެލްޑް ވިދާޅުވި އެވެ.
ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވި ނަމަވެސް ވާހަކަ ދެއްކެން ޖެހޭނެ ކަމަށް ވިދާޅުވަމުން ޕީޓާ ވިދާޅުވެ ދެއްވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ގައުމުގެ ބަތޮލު، އަދި މިނިވަންކަމާއި ހަމަހަމަކަމުގެ ރަމްޒެއް ކަމަށް ދުނިޔެ ގަބޫލުކުރާ ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ވިދާޅުވުމެކެވެ.
"ސިޔާސީ ކަންތައްތައް (ޕޮލިޓިކްސް) އަކީ ހިތާނުވާ ފަރާތްތަކާ ވާހަކަ ދެއްކުން، ކަމަށް މަންޑޭލާ ވިދާޅުވެފައި ވޭ،" ޕީޓާ ވިދާޅުވި އެވެ.
ރާއްޖޭގައި ފަހަކަށް އައިސް އުފެދުނު ގިނަ މައްސަލަތަކެކޭ އެއްގޮތަށް ސަރުކާރާއި މަޖިލީހުގެ ކޯޅުން ހައްލުކުރުމަށް ވެސް އެނބުރިފައި މިވަނީ ބައިނަލް އަގުވާމީ ފަރާތްތަކާ ދިމާއަށެވެ. ނަމަވެސް އެއީ އެކަން ހައްލު ކުރެވޭނެ ގޮތެއް ނޫން ކަމަށް ޕީޓާ ވިދާޅުވި އެވެ. އަދި އައިޕީޔޫގެ ޓީމްގެ ވެރިއެއްގެ ގޮތުގައި ވަޑައިގެންނެވި ފްރެންސިސް ޕަންގިލިނަން ވެސް ދެކެވަޑައިގަންނަވީ އެގޮތަށެވެ.
"ދުނިޔެ އަށް މިމައްސަލަތައް ހައްލެއް ނުކުރެވޭނެ، ހިޔާލު ތަފާތުވެފައިވާ މިމައްސަލަތައް ހައްލުކުރެވޭނީ ދިވެހިން އިށީނދެ ތިބެ އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެން،" ޕީޓާ ވިދާޅުވި އެވެ.
ފްރެންސިސް ޕަންގިލިނަން ވިދާޅުވީ އެހެން ގައުމުތަކުގައި ކަން ހިނގާގޮތް ރާއްޖެއަށް ނުފެއްތޭނެ ކަމަށެވެ. ރާއްޖޭގެ މައްސަލަތަކަށް ހައްލެއް ލިބޭނީ ރާއްޖެއާ ގުޅޭ ގޮތުން ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ބައެއް ނުކުތާތައް ނެގިދާނެ، ފިލާވަޅުތަކެއް ލިބިގަނެވިދާނެ، އެހެން ނަމަވެސް ރާއްޖޭން ހައްލެއް ހޯދަން ޖެހޭނީ ރާއްޖޭގެ ލީޑަރުންގެ ފަރާތުން އަދި ރާއްޖޭގެ ރައްޔިތުންގެ ފަރާތުން،" ޕީޓާ ވިދާޅުވި އެވެ.
ހައްލެއް ހޯދަން ކުރަން އޮތް ކަމެއް ކަމަށް އެ ދެބޭފުޅުން ވެސް ފާހަގަ ކުރެއްވީ އެއްތަނަކަށް އައިސް އިށީނދެ ވާހަކަ ދެއްކުމެވެ.
"އެންމެ ފަހުން އައިސް މިކުރަން ޖެހޭ ކަމަކީ އެއްތަނަކަށް އައިސް އިށީނދެ ވާހަކަ ދެއްކުން،" ޕީޓާ ވިދާޅުވި އެވެ.
ތަޖުރިބާކާރު މިބޭފުޅުންގެ ފަރާތުން ވެސް އަދި މިހިނގާދިޔަ ކޯޅުން ބޮޑު 10 ވަރަކަށް މަސްދުވަހު ރާއްޖެއަށް ޒިޔާރަތް ކުރެއްވި ދުނިޔޭގެ ގައުމުތަކާއި ޖަމިއްޔާތަކުގެ އިސްބޭފުޅުންގެ ވާހަކަފުޅުތަކުން ވެސް އެނގޭ ކަމަކީ ކޯޅުންތައް ހައްލު ކުރެވޭނީ ދެކޮޅުވެރި ފަރާތްތަކާ ވެސް ވާހަކަދައްކައިގެން ކަމެވެ. އެހެންވީމާ މަންޑޭލާ ވިދާޅުވި މާނައިގާ ޕޮލިޓިކްސް ނެގުމަކީ މުހިއްމު ކަމެކެވެ. މަންޑޭލާ ވިދާޅުވެފައި ވަނީ " ޕޮލިޓިކްސް އަދި ޑިމޮކްރަސީއަކީ ހިތާނުވާ މީހުންނާ ވާހަކަ ދެއްކުން " ކަމަށެވެ.
މަޖިލީހުގެ ކޮމެޓީއަށް ފަޑިޔާރުންތަކެއް ހާޒިރުކުރަން އުޅުމުން އެކަމުގައި މަޝްވަރާއަކަށް އުއްތަމަ ފަޑިޔާރު އެދިވަޑައިގަތުމަކީ އޭގެ ރަނގަޅު މިސާލެކެވެ. ވެރިކަން ބަދަލުވުމާ އެކު އުފެދުނު "އޯލް ޕާޓީ ޓޯކްސް" ޑައިލޮގަކީވެސް އޭގެ ރަނގަޅު ނަމޫނާ އެކެވެ. ނަމަވެސް މައްސަލައަކީ އޭނގެން ނަތީޖާއެއް ނުނިކުތުމެވެ. ކޮންމެވެސް ބަހަނާއެއް ދައްކާ އެންމެ ފަހުން އެކަމުންވެސް ބަރީއަވުމެވެ. ރިޔާސީ ނިޒާމެއްގައި ބާރުތައް ވަކި ވުމަކީ މަޝްވަރާ ކުރަން ދެކޮޅު ހެދުމެއްވެސް ނޫނެވެ. އަދި މަޝްވަރާކުރަން ބޭނުން ނުވުމެއްވެސް ނޫނެވެ.