ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލުގައި ވިސްނުމަށް ވެސް ނުގެނެވޭ ފަދަ ބޮޑެތިކަންތައްތަކެއް ހިންގާފައިވާކަން ހާމަވެފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

މަދަނީ ތައުލީމުގެ ގައުމީ ކެމްޕޭންގެ ދަށުން ކ. ތުލުސްދޫގައި ހިންގި އަމާން ރަށްވެހިކަމާއި ބެހޭ މަސައްކަތު ބައްދަލުން ނިންމުގެ ގޮތުން އެ ރަށުގައި މިރޭ ބޭއްވި ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ އަފްރާޝީމް އަވަހާރަ ކޮށްލުމުގައި ޒުވާނުން ބޭނުން ކޮށްފައިވާ ކަމަށެވެ.

ޑރ. އަފްރާޝީމްގެ ގާތިލުން ހޯދިފައިވާކަން ފާހަގަ ކުރައްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ އެ ތަހުގީގު ގައި މުޖުތަމައު ކަންބޮޑުވާ ވަރުގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެނަށް މި މަރުގެ [އަފްރާޝީމް އަވަހާރަ ކޮށްލުގެ] ތެރެއިން ވެސް ފެނިގެން ދަނީ ޒުވާނުންތައް ތަފާތުކަންތައް ތަކުގައި ބޭނުން ކޮށްފައިވާކަން. މި މަރުގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރުގައި ރާއްޖޭގެ މުޖުތަމައު ކަންބޮޑުވާ ވަރުގެ ކަންތައްތައް ފެންނާން އެބަހުރި. އަޅުގަނޑުމެނަށް ގަބޫލުކުރަން ދަތި، އަޅުގަނޑުމެންގެ ވިސްނުމަށް ގެންނަން ދަތި އެތައް ކަމެއް ފަހަތުގައި ރޭވި ހިނގަމުންދާކަން މި މަރުގެ ތަހުގީގުން އެބަ އިނގޭ. މިއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގެ ހާދިސާ އިން ވަރަށް ގިނަ ކަންތައްތަކަށް ދަލީލު ކުރާ ކަމަށާއި އަފްރާޝީމް އަވަހާރަކޮށްލި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނިކޮށް ފެނިފައި ވަނީ އޭނާ ދިރިއުޅުއްވަމުން ދިޔަ، ހ. ފުންވިލުގޭގެ ސިޑިކައިރީގައި މަރާލާފައި އޮއްވަ އެވެ. ދާދިފަުން ރައީސުލްޖުމްހޫރިއްޔާ އަފްރާޝީމްގެ އުފަން ރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވިދާޅުވެފައި ވަނީ އަފްރާޝީމްގެ މަރާ ގުޅޭ ތަފްސީލްތައް ލަސްނުވެ ދިވެހި ފުލުހުންގެ އިދާރާ އިން ހާމަކުރާނެ ކަމަށެވެ.

އަފްރާޝިމް އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރުމަށް 80 ވަރަކަށް ފުލުހުން މަސައްކަތް ކުރާ އިރު، އެ މައްސަލާއާ ގުޅިގެން އެއްކޮށްފައިވާ ފޮރެންސިކް ހެކިތައް ބެލުމުގައި އެފްބީއައި އާއި ސިންގަޕޫރު ފުލުހުންނާއި އެމެރިކާ ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ޝަރީއަތަށް ސާބިތުކޮށް ދެވޭ ވަރުގެ ހެކި ހުށަހަޅާ މީހަކަށް 500،000ރ. ދޭނެ ކަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ މީހެއްގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ފުލުހުން އެެންމެ ފަހުން ޕްރެސްކޮންފަރެއްސެއް ބާއްވާފައި ވަނީ މީގެ ތިން ހަފުތާ ކުރިންނެވެ. ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސުގައި ވެސް ބުނެފައި ވަނީ ޑރ. އަފްރާސީމް އަލީ އަވަހާރަކޮށްލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށާއި އެއީ ވަރަށް ތަފާތު ބޮޑު ގޮތަކަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.