23 Nov 2012, 23:46
ގއ. ކޫއްޑޫގައި އެ ރަށުގެ މުވައްޒަފުން ކުރަމުންދާ ހަޅުތާލާ ގުޅިގެން އިއްޔެވެސް އެ ކުންފުނިން 10 މުވައްޒަފަކު ވަކިކޮށްފައިވާއިރު ހަޅުތާލު ކުރަމުންދާނަމަ އިތުރު މުވައްޒަފުންނާ މެދުވެސް ހަރުކަށި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފި އެވެ.
ކޫއްޑޫގެ ކޭނިން ފެކްޓަރީ އައްޑޫގައި އަޅަން ނިންމުމާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުން އަންނަނީ މަސައްކަތް ހުއްޓާލުމަށް ފަހު ހަޅުތާލު ކުރަމުންނެވެ. އެއާ އެކު މުޅި ކޫއްޑޫގެ ހުރިހާ އޮޕަރޭޝަނެއް ވަނީ ހުއްޓިފަ އެވެ.
އެކަމާ ގުޅިގެން އެ ކުންފުނި މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަމާ ގުޅިގެން އެ ކުންފުނީގެ ވިޔަފާރިއަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުންވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިންނަށްވެސް އެކިވަރުގެ ގެއްލުންވެ އެކަމުގެ ޝަކުވާ އެ ކުންފުންޏަށް މެދުކެޑުމެއް ނެތި އަންނަ ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންނަކީ ކުންފުނީގެ ވިޔަފާރިތައް ހިމާޔަތް ކުރަން ޖެހޭ ބައެއް ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އެ އަމަލުތައް ހުއްޓާނުލައި ކުންފުނީގެ ވިޔަފާރިއަށް އިތުރަށް ގެއްލުންދޭނަމަ ވަޒީފާއާބެހޭ ގާނޫނުގެ ދަށުންނާއި ކުންފުނީގެ ގަވާއިދުތަކާ އެއްގޮތަށް އެފަދަ މުވައްޒަފުންނާ މެދު ހަރުކަށީ ފިޔަވަޅު އަޅާނެކަން އެންގުނެވެ،" ބަޔާނުގައިވެ އެވެ.
އެ ހަޅުތާލާ ގުޅިގެން އައްޑޫގައި އަޅަން ނިންމި ކޭނިން ފެކްޓަރީ އެޅުމުގެ މަސައްކަތް އެ ކުންފުނިން ވަނީ މަޑު ޖައްސާލައި އެ މައްސަލައިގައި ދެވަނަ ވިސްނުމަކަށްދާން ނިންމައިފަ އެވެ. ނަމަވެސް މުވައްޒިފުންގެ ހަޅުތާލު ހުއްޓާލައިފައެއްނުވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ މަސްވެރިން މަސްބާނައިގެން ކޫއްޑޫގެ ޖެޓީއަށް މަސްކިރަން އައުމުން މަސްކިރުމަށް ހުރަސްއަޅައި މުޒާހަރާގެ ބައިވެރިން ދޯނިތައް ފޮނުވަމުން ގެންދާ ކަމަށެވެ. އަދި ދެކުނުގެ އެކި ސަރަހައްދުތަކުން މަސްގަނެގެން ކޫއްޑޫއަށް މަސް ހުސްކުރުމަށް ބޯޓުތައް އައުމުން އެކަމަށް ވެސް މުޒާހަރާގެ ބައިވެރިން ހުރަސް އަޅަމުން ގެންދާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މުޒާހަރާގެ ބައިވެރިންގެ އެފަދަ އަމަލުތަކުގެ ސަބަބުން ކޫއްޑޫގެ ހިކިމަސް ތައްޔާރު ކުރާ ފެކްޓަރީގެ މަސައްކަތް ހުއްޓި ފެކްޓްރީގައި ޕްރޮސެސް ކުރަން ފަށާފައި ހުރި މަސްތައް ހަލާކުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"ކޫއްޑޫ ސެންޓަރުގެ ހިކިމަސް ތައްޔާރުކުރާ ފެކްޓްރީގެ ހުއްޓުވާފައި ވެއެވެ. މިގޮތުން އެ ފެކްޓްރީގައި ޕްރޮސެސް ކުރަން ފަށާފައި ހުރި މަސްތައް ހަލާކުވެފައި ވެއެވެ،" ބަޔާނުގައިވެ އެވެ.
މީގެއިތުރުން މުޒާހަރާގެ ބައިވެރިންގެ އަމަލުތަކާ ހެދި ރާއްޖެއިން ބޭރަށް މަސްބޭރުކުރުން ވަގުތީގޮތުން ހުއްޓާލާފައި ވާއިރު މާލޭގައި ހުރި އެކުންފުނީގެ ފިހާރަތަކަށް މަސް ސަޕްލައިނުކުރެވި ވިޔަފާރިއަށް ވެސް ގެއްލުން ވަމުން އަންނަ ކަމަށް ވެސް ކޫއްޑޫ ފިޝަރީޒްގެ ބަޔާނުގައި ވެއެވެ.
ކޫއްޑޫ ފިޝަރީޒްގެ ފަރާތުން އަޅަން ނިންމާފައިވާ ކޭނިން ފެކްޓަރީ އައްޑޫގައި އަޅަން ހަމަޖެއްސުމާ ގުޅިގެން ކުއްޑޫގެ މުވައްޒަފުންނާއި ގއ. ވިލިނގިލީ ރައްޔިތުން ގުޅިގެން ކޮންމެ ދުވަހަކު ގެންދަނީ ވިލިނގިއްޔާއި ކޫއްޑޫގައި މުޒާހަރާ ކުރަމުންނެވެ.