23 Nov 2012, 22:20
ފައިނަލް މެޗުގެ އެންމެ ފަހު ސިކުންތުގައި އައިޝަތު ޝައްފަ އޭނާގެ ކުރީގެ ޓީމު ޕޮލިހާ ދެކޮޅަށް ކުރި މޮޅު ބްލޮކާއެކު އެއްވެސް މެޗަކުން ބަލިނުވެ ޕްރެޒިޑެންޓްސް ކަޕް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގއ. ގެމަނަފުށީ ސްޕޯޓްސް ކުލަބު ހޯދައިފި އެވެ.
އެ ޓީމު ތަށި ހޯދީ މިރޭ ކުޅުނު ފައިނަލްގައި އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ޕޮލިސް ކުލަބު 3-1 ބަލިކޮށްގެންނެވެ. މި މެޗުން ފުރަތަމަ ދެ ސެޓް ގެމަނަފުށި ހޯދީ 25-14 އަދި 25-16 އިންނެވެ. ނަމަވެސް ތިން ވަނަ ސެޓް ޕޮލިސް ހޯދީ 23-25އިންނެވެ. މިއާއެކު ފޯރިގަދަވި މެޗުގެ ހަތަރު ވަނަ ސެޓް 25-20ން ކާމިޔާބުކޮށް ގެމަނަފުށި ތަށި ހޯދި އެވެ.
މިއީ ފައިނަލެއްގައި މި ފަހަކަށް އައިސް ގިނަ އަދަދެއްގެ މޮޅު ކުޅުންތެރިން ތިބި ޕޮލިސް ބަލިވި ފުރަތަމަ މެޗަށްވާއިރު މިއީ މީގެ ފަސް އަހަރު ކުރިން ބާއްވަން ފެށި މުބާރާތް ޕޮލިސް ނޫން ޓީމަކަށް މި މުބާރާތް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރުވެސްމެ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ގެމަނަފުށީގެ ކެޕްޓަން އައިޝަތު ނާޒިމާ އެވެ. އެންމެ މޮޅު ސާވަރަކީ ގެމަނަފުށީގެ ހަލީމަތު ސަމާ އެވެ. އެންމެ މޮޅު ސެޓަރަކީ ގެމަނަފުށީގެ ނަސްރާ އިބްރާހީމެވެ. އެންމެ މޮޅު ޑިގަރަކީ ޕޮލިސް ކުލަބަކުގެ މުއީނާ ހަސަނެވެ. އެންމެ މޮޅު ބްލޮކަރަކީ ލީލާ އެވެ. އެންމެ މޮޅު ލިބަރޯ އަކީ ޕޮލިސް ޓީމުގެ ކުރީގެ ލިބަރޯ އަދި މިފަހަރު ގެމަނަފުށީ ޓީމުން ފެނުނު އާމިނަތު ހަލީމް (ޕޮކޯ) އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށާއި އެންމެ މޮޅު ސްޕައިކަރަކަށް ހޮވުނީ ގެމަނަފުށީގެ އައިޝަތު ޝައްފަ އެވެ. ފެއާޕްލޭ ކުޅުންތެރިއަކީ ޕޮލިސްގެ ކެޕްޓަން އާގިލާ ހާމިދެވެ. 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިސް ޓީމުގެ މަރިޔަމް އަފީފާ އެވެ. މީގެ އިތުރުން 19 އަހަރުން ދަށުގެ އެންމެ މޮޅު ހަ ކުޅުންތެރިއަކު ވެސް ހޮވައި އިނާމްދިނެވެ.
ފެއާޕްލޭ ޓީމަކަށް ޕޮލިސް ހޮވުނުއިރު ޓީމަށް އެންމެ ފައިދާހޯދައިން ކޯޗަކަށް ހޮވުނީ ގެމަނަފުށީގެ ކޯޗު އިބްރާހީމް ރަޝީދު (ސަތޯ) އެވެ. އޭނާ އަކީ ދިވެހި ސިފައިންގެ ކުލަބުގެ ފިރިހެން ވޮލީ ޓީމުގެ ކޯޗު އަދި ފުޓްބޯޅަ ކުލަބު ވީބީގެ މެނޭޖަރެވެ.