23 Nov 2012, 21:49
ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށް ފަހު ފިލައިގެން ލަންކާގައި އުޅެނިކޮށް މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް ރޭ މާލެ ގެނެސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އިސްމާއީލް އަބްދުއްލަތީފް ފިލައިގެން ލަންކާގައި އުޅެނިކޮށް ހައްޔަރު ކުރީ ލަންކާ ސިފައިންގެ އެހީތެރިކަމާ އެކު ބުދަ ދުވަހުގެރޭ އެ ގައުމުގެ މައުންޓް ލެވީނިއާ އިން ކަމަށާއި އޭނާ މިރޭ މާލެ ގެނެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސްދުވަސް ޖަހައިދީފައިވާ ކަމަށެވެ.
އިސްމާއީލު އަބްދުއްލަތީފު ލަންކާ ފުލުހުން ހޯދި އިރު، އޭނާ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.
ހައްޖަށް މީހުން ގެންގޮސްދިނުމުގެ މަސައްކަތް ރާއްޖޭގައި އެންމެ ފުރަތަމަ ފެއްޓި ބޭފުޅުންގެ ތެރޭގައި ހިމެނޭ އަތަމާ އަބްދުއްލަތީފުގެ ދަރިކަލުން އިސްމާއީލް އަބްދުއްލަތީފް ވަނީ ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން 11.9 މިލިއަން ރުފިޔާ ނަގައިގެން ފިލައިފަ އެވެ.
މަލީޝާގެ ވެރިޔާ މެލޭޝީޔާގައި އުޅޭ ކަމަށް މައުލޫމާތު ލިބުމުން ފުލުހުން ވަނީ މެލޭޝިޔާ އިން ވެސް އޭނާ ހޯދުމުގެ މަސައްކަތްކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި މަލީޝާ ޖަމާއަތުން މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިޔަ އިރު، ހައްޖުވެރިން ތިބި ސައުދީ ހޮޓަލަށް ފައިސާ ދައްކާފައެއް ނުވެ އެވެ. އެގޮތުން ސައުދީ ހޮޓަލަށް 140،000 ސައުދީ ރިޔާލް (5،73،848ރ.) އަށް ވުރެ ގިނަ ފައިސާ ދައްކާފައެއް ނުވެ އެވެ. އަދި އެފައިސާ ދެއްކުމަށް އެ ޖަމާއަތަށް ތަކުރާރުކޮށް އެންގުމުން ވެސް ފައިސާ ދައްކާފައި ނުވާތީ އެ ޖަމާއަތުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މަޖިލީހަށް އަންގާފައިވެ އެވެ.
ހައްޖަށް ދިއުމަށްޓަކައި މަލީޝާ ޖަމާއަތަށް 175 މީހަކު މި އަހަރު ފައިސާ ދައްކާފައިވެ އެވެ. ކޮންމެ މީހަކު ދެއްކި 68000ރ. އާއެކު ޖުމްލަ 11.9 މިލިއަން ރުފިޔާ ވަނީ އެ ޖަމާއަތަށް ލިބިފަ އެވެ.
ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަލީޝާ އިން އޮޅުވާލުމުން ހައްޖަށް ނުދެވި ތިބި ހުރިހާ މީހުން އަންނަ އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.