ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ގޮތުން ރައީސް މުހަންމަދު ނަޝީދުގެ ސުޕެޝަލް އެޑްވައިޒަރުކަން ކުރެއްވި އިބްރާހިމް ހުސެން ޒަކީ އިންޑިއާގެ ބައެއް ނޫސްތަކުގައި ދައްކަވަމުން ގެންދާ ވާހަކަތަކަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެެވެ.

އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެގައި ބުނެފައި ވަނީ ޒަކީ ދައްކަވަމުން ގެންދަވާ ވާހަކަތަކުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުން ލިބިދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް ނުރައްކާވެދާނެ ކަމަށެވެ.

މިއަދު އިންޑިއާގެ ބައެއް ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ޒަކީ ވިދާޅުވެފައި ވަނީ، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރާ، ޖީއެމްއާރާ ދެކޮޅަށް މިހާރު ކުރާ މަސައްކަތްތަކީ "ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ހަރަކާތްތަކެއް" ކަމަށެވެ. އަދި ވިދާޅުވީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކުން ރާއްޖެ އަށް އަތްގަދަކުރާ ނަމަ "އިންޑިއާގެ ސިފައިން" ރާއްޖޭގައި ބައިތިއްބީސް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެފަދަ ވާހަކަތަކަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވެ، ގެއްލުންް ދިނުމަށް މަސައްކަތްކުރާ ބަޔަކަށް ހިތްވަރު ލިބިގެންދާނެ އަމަލުތަކެއް ކަމަށެވެ. އަދި އެމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެެވެ. އަދި ޒަކީގެ އެ ވާހަކަތަކުން އިންޑިއާ އާއި ރާއްޖެއާ ދެމެެދު ޒަމާނުންސުރެ އޮންނަ ގާތް ބަދަހި ގުޅުމަށާއި ރާއްޖޭގެ ޚާރިޖީ ގުޅުންތަކަށް ބުރޫ އަރައިދާނެ ކަމަށް ވެސް އެެމްއެންޑީއެފުން ބުންޏެވެ.

"ޒަކީގެ ވާހަކަތަކަކީ ދިވެހި ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތަށް ގެއްލުން ލިބޭނެ ކަންކަން ކުރުމަށް ހިތްވަރު ލިބިގެންދާނެ ގައުމީ ސަލާމަތަށް ވަރަށް ނުރައްކާތެރި އަމަލު ތަކެއް. ޒަކީގެ އެވާހަކަތަށް ހަރުކަށި އިބާރާތުން ކުއްވެރިކުރަން،" އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ގުޅުން އެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި ދިވެހި ރާއްޖެ އަށް އިންޑިއާގެ އެހީތެރިކަން ބޭނުންވެގެން އެދުނު ކޮންމެ ފަހަރަކު އެ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށާއި އެހެން ކަމުން ކުރިމަގުގައި ވެސް ދިވެހި ސަރުކާރުން ރަސްމީކޮށް އެހީތެރިކަމަށް އެދެފި ނަމަ އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.