23 Nov 2012, 14:51
ގްރީން ޓީ އަކީ ސައިގެ ބާވަތް ތަކުގެ ތެރެއިން ހަށިގަނޑަށާއި ހަމަށް އެންމެ ފައިދާވާ އެއް ބުއިމެވެ. ކްލިނިކަލް ދިރާސާތަކުން ދައްކާ ގޮތުގައި ގްރީން ޓީ ބުއިމުން ވިއަސް ނުވަތަ ހަމުގައި ޓްރީންޓްމެންޓެއް ގޮތަށް ބޭނުން ކުރުމަކީ ވެސް ފައިދާ ހުރި ކަމެކެވެ. އެއީ ގްރީން ޓީ ގައި ހިމެނޭ މާއްދާ ތަކުގެ ސަބަބުންނެވެ. ގްރީން ޓީ ގައި ހިމެނޭ ފަތް އެކަނި ވެސް އެކްސްފޯލިއަންޓް އެއްގެ ގޮތުގައި ބޭނުން ކުރެވެއެވެ. އޭގެން ހަން އަލިވެ އުޖާލާ ކޮށްދެއެވެ.
ގްރީން ޓީ އުފައްދާފައި ވަނީ ކެމީލިއާ ކިޔާ ގަހެއްގެ ފަތުންނެވެ. ހުރިހާ ވައްތަރެއްގެ ސައިފަތް ހެދުމަށް ވެސް ބޭނުން ކުރަނީ މި ގަހުގެ ފަތެވެ. އެކަމަކު އެކި ސައިފަތް ހަދާ ގޮތް ތަފާތެވެ. އާންމު ގޮތެއްގައި އަހަރެމެން ބުއިމަށް ބޭނުންކުރާ ސައިފަތްތައް ހަދާ އިރު، ކެމީލިޔާ ގަހުގެ ފަތާ އެކި ކަހަލަ އެހެނިހެން ތަކެތި މަސްހުނި ކުރެ އެވެ. އެކަމަކު ގްރީން ޓީ ހަދާ އިރު ސައިފަތުގެ ގޮތުގައި ކެމީލިޔާ ގަހުގެ ފަތް ބޭނުން ކުރަނީ އެޔަށް އިތުރު އެއްވެސް އެއްޗެއް މަސްހުނި ކުރުމެއް ނެތި އެވެ. ވުމާ އެކު މި ގޮތުގައި މި ސައިފަތުގެ ގުދުރަތީ ފައިދާތައް އިތުރުވެ އެވެ.
ކެމީލިއާ ގަހުގައި އެންޓިއޮކްސިޑެންޓެސް ވަރަށް ގިނައެވެ. އެންޓިއޮކްސިޑެންޓްސް ގެ ސަބަބުން ހަށިގަނޑުގައި ހިމެނޭ ފްރީ ރެޑިކަލްސް އިން ހަށިގަނޑު ދިފާއު ކޮށްދެއެވެ. ފްރީ ރެޑިކަލްސް އަކީ ގުދުރަތީ ގޮތުން ހަށިގަނޑުގައި އުފެދޭ މާއްދާއެކެވެ. އޭގެ ސަބަބުން ހަންގަނޑު އަވަހަށް މުސްކުޅިވެ، އަދި ބޮޑެތި ބަލިތައް ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ. ގިނައިން އަވީގައި އުޅެ، ނުވަތަ ހިރަފުހުގައި އުޅެވޭނަމަ އަދި ސިނގެރޭޓް ބޯ ނަމަ ފްރީ ރެޑިކަލްސް އުފެދުމުގެ ފުރުސަތު ބޮޑުވެ އެވެ.
ގްރީން ޓީ ގަވައިދުން ބޯ ނަމަ އޭގެ ސަބަބުން ސްޓްރެސް މަދުކޮށްދެއެވެ. ކޮލެސްޓްރޯލް، ފަލަވުން، ދަތް ފަނި ކެއުން އަދި ހިތުގެ ބަލިތަކަށްވެސް ފަރުވާ އެއްގެ ގޮތުގައި ގްރީން ޓީ ބޭނުން ކުރެއެވެ. ފެނުގެ ބަދަލުގައިވެސް ގްރީން ޓީ ބޯ މީހުން މަދެއްނޫނެވެ.
ގްރީން ޓީ އަކީ ބިހިނެގުމަށް ވެސް އޮތް ވަރަށް ބޮޑު ފަރުވާއެކެވެ. ގްރީން ޓީ ގައި ހިމެނޭ މާއްދާ ތަކުގެ ސަބަބުން ހޯމޯން ލެވެލްސް ރަނގަޅުކޮށްދެއެވެ. އެހެން ވުމުން ގަވައިދުން ގްރީން ޓީ ބޭނުން ކުރާ ފަރާތްތަކަށް ބިހި ނެގުމުގެ އުނދަގޫ ދިމާވުން ކުޑަ ވާނެ އެވެ.
ގްރީން ޓީގައި ހިމެނޭ ގުދުރަތީ ޚާއްސަ މާއްދާ ތަކުގެ ސަބަބުން މަރުވެފައި ހުންނަ ހަންތައް އަލުން ދިރުމަށް އެހީތެރިވެ ދެ އެވެ. މި ގޮތުން އަލަށް ދިރިގެން އަންނަ ހަންގަނޑުގެ ސާފު ކަމާއި އުޖާލާކަން ބޮޑު ކަމަށް ފާހަގަ ކުރެވޭނެ އެވެ. ގަވައިދުން (ދުވާލަކު 3 ނުވަތަ 4 ތަށި) ގްރީން ޓީ ބޯ ނަމަ ހަން މަޑުވެ، އޮމާންވެ ރީތި ވާނެ އެވެ.
ގިނަ މޭކަޕާއި ބިއުޓީ ޕްރޮޑަކްޓްސް ތައް ފަހަކަށް އައިސް އުފައްދާފައި ހުންނަނީ ގްރީން ޓީ ގައި ހިމެނޭ މާއްދާތައް ބޭނުން ކޮށްގެނެއެވެ. އެއީ ކުރީގައި ޕްރޮޑަކްޓަސް ހަދަން ބޭނުން ކުރާ ކެމިކަލް ތަކަށް ވުރެ ގްރީން ޓީ ގައި ހިމެނޭ ގުދުރަތީ ޕޮޓެންޓް އެންޓިއޮކްސިޑެންޓްސް ގެ މާއްދާ ގައި ހިމެނޭ ވިޓަމިންސް އަކީ ހަމަށް މާ ބޮޑަށް ފައިދާ ވާ އެއްޗެއްގެ ގޮތުގައި ދިރާސާތަކުން ފެންނަން ފެށުމުންނެވެ. އަދި ގުދުރަތީ ބިއުޓީ ޕްރޮޑަކްޓްސް ތަކަށްވެސް މި ޖީލުގެ މީހުންގެ ޝައުގުވެރިކަން އިތުރު ވުމެވެ.
ގޭގައި ގްރީން ޓީ އިން ހޯދިދާނެ ފައިދާ ތަކުގެ ތެރޭގައި:
ލޯ ވަޅުވަދެ ވަރުބަލިވެފައި ވާނަމަ – ގްރީން ޓީ ސައިތައްޓެއް ހެދުމަށްފަހު އައިސް އަލަމާރީގައި ބަހައްޓައިގެން ފިނިކޮށްލާށެވެ. އަދި ފިނިވުމުން ސައިތަށީގެ ތެރެއަށް ކަފަކޮޅެއްލައި ތެންމާލާށެވެ. އަދި ލޯ މަރައިލުމަށް ފަހު މި ކަފަ ކޮޅު ލޯމަތީ ބާއްވާށެވެ. މިގޮތަށް 10 ނުވަތަ 15 މިނިޓް ރެސްޓް ކޮށްލާށެވެ. ސައިތަށި ހަދަން އުނދަގޫ ނަމަ ގްރީން ޓީ ސައިފަތް ފެކެޓް ފިނިކޮށްލައިގެން ލޯ މަތީގައި އަޅާލައިގެން ވެސް މިބައި ފުރިހަމަ ކުރެވިދާނެ އެވެ.
ފަސް ސައިސަމުސާ ގްރީން ޓީ ގެ ސައިފަތް އެއް ޖޯޑު ފެނަށް އަޅައިގެން 20 މިނިޓް ވަންދެން ކައްކާލާށެވެ. އޭގެ ފަހުން ސައިފަތް ފުރާނާލާފައި ސްޕްރޭ ކުރެވޭ ކަހަލަ ފުޅިއަކަށް ފެން އަޅާލާށެވެ. ވަރިބަލިކަން އިހްސާސްވާ ވަގުތު ނުވަތަ ހޫނުވާ ވަގުތު މޫނުގައި މިހެދި ސްޕްރޭ ބޭނުން ކުރާށެވެ. އޭރުން މޫނު އުޖާލާކޮށް ފިނިކޮށްދޭނެއެވެ. އަދި މީގެ އިތުރުން މި ސްޕްރޭ މައުތް ސްޕްރޭ އެއްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ.
ގްރީން ޓީ ފޭޝަލް މާސްކެއް ހަދާނެ ގޮތް:
އެއް ސައިސަމުސާ ގްރީން ޓީ ގެ ސައިފަތް އެއް ބިހުގެ ލޮނދި އަދި އެއް ސައިސަމުސާ މާމުއި އެއްކޮށްލާށެވެ. އެއްކުރާނީ އުލަކުން އެވެ. މި ގޮތަށް އެއް ކުރުމުން ހުންނާނީ މާސްކެއް ހެދިފަ އެވެ. މި މާސްކް މޫނުގައި ހޭކުމަށް ފަހު 30 މިނިޓް ފަހުން މޫނު ދޮވެލާފައި މޮއިސްޗަރައިޒަރ އެއް ބޭނުން ކުރާށެވެ.
ގްރީން ޓީ ފޭޝަލް ސްޓީމް އެއް ކުރާނެ ގޮތް:
މި ސްޓީމް ގެ ސަބަބުން މޫނު ސާފު ކޮށްދެއެވެ. މޫނު ދޮވުމަށް ފަހު އިސްތަށިގަނޑު ފަހަތަށް އައްސާލާށެވެ. ބޮޑު ތަވައަކަށް ފެން އެޅުމަށް ފަހު ކައްކާށެވެ. 4/1 ޖޯޑު ގްރީން ޓީ ސައިފަތް ކެކި ކެކި ހުރި ފެނަށް އެޅުމަށް ފަހު މަޑު ގިނީގައި 10 މިނިޓް ވަންދެން ހޫނު ކުރާށެވެ. ތަވާ އުނދުނުން ބޭލުމަށްފަހު ބޮޑު ތުވާއްޔެއް ބޮލުގައި އޮޅައިގެން މޫނު ތަވަ އާއި ކައިރި ކޮށްގެން އާވި އަރުވާ ގޮތަށް މަޑުކޮށްލާށެވެ. މިގޮތަށް 5 މިނިޓް ވަންދެން އޮންނާށެވެ. އެއަށް ފަހު ތުވާލިން މޫނު ހިއްކާފައި ޓޯނަރ އެއް ނުވަތަ މޮއިސްޗަރައިޒިން ލޯޝަނެއް މޫނުގައި ހާކާށެވެ.