އިސްލާމް އާބާދު (ނޮވެމްބަރ 23): ދެ ހާސް އަށް ވަނަ އަހަރު އިންޑިޔާގެ މުންބާއި އަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން މަރުނުވެ ސަލާމަތުން ހުއްޓާ އިންޑިޔާ ފުލުހުން ހައްޔަރުކުރި ހަމައެކަނި މީހާ، މުޙައްމަދު އަޖްމަލު ކަސަބަށް މަރުގެ އަބަދު ދިނުމުން އެކަމަށް އިންޑިޔާގެ ކިބައިން ބަދަލުހިފާނެކަމުގެ އިންޒާރު ޕާކިސްތާނުގެ ތާލިބާނުން ދީފި އެވެ.

ތާލިބާނުންގެ ތަރްޖަމާން އަޙްސަނުﷲ އިޙްސާން ވިދާޅުވީ އަޖްމަލުގެ މަރަށް ބަދަލުހިފުމުގެ ގޮތުން އިންޑިޔާ ރައްޔިތުން ވަގަށްނަގަން އެޖަމާއަތުން ނިންމާފައިވާ ކަމުގަ އެވެ. އަޖްމަލުގެ މަރުވެފައިވާ ހަށިގަނޑު ތާލިބާނުންނާ ޙަވާލުކުރުމަށް ވެސް އަދި އޭނާގެ ޢާއިލާއާ ޙަވާލުކުރުމަށް ވެސް އިންޑިޔާ ދެކޮޅު ހަދަމުންގެންދާ ކަމަށާއި މިގޮތަށް ކަންތައް ކުރާ ނަމަ އިންޑިޔާ މީހުން ވަގަށްނަގައިގެން މެރުމަށް ފަހު އެމީހުންގެ ހަށިތައް ވެސް އިންޑިޔާއާ ޙަވާލުނުކުރަން ތާލިބާނުން ނިންމާފައިވާ ކަމަށް އިހްސާން ވިދާޅުވި އެވެ. އަދި އަޖްމަލުގެ މަރަށް ބަދަލުހިފުމުގެ ގޮތުން އިންޑިޔާގެ ތަންތަނަށް ހަމަލާދިނުމަށް ތާލިބާނުން މަސަައްކަތްކުރާނެކަން ވެސް އެޖަމާއަތުގެ ތަރްޖަމާން ހާމަކުރެއްވި އެވެ.

މިއީ އިންޑިޔާ އިން އަޖްމަލަށް މަރުގެ އަދަބު ދިންފަހުން ޕާކިސްތާނުގެ ހަރުކަށި ޖަމާއަތަކުން އިންޑިޔާގެ ކިބައިން ބަދަލުހިފާނެ ކަމުގެ އިންޒާރުދިން ފުރަތަމަ ފަހަރެވެ. މުންބާއި އަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ބައިވެރިވި ޕާކިސްތާނުގެ ލަޝްކަރޭތައިބާ ޖަމާއަތަށް ނިސްބަތްވާ ޕާކިސްތާނުގެ ސައުވީސް އަހަރުގެ ޒުވާނެއް ކަމަށްވާ މުހައްމަދު އަޖްމަލް ކަސަބު އަށް އިންޑިޔާ ސަރުކާރުން މަރުގެ އަދަބުދިނީ މިދިޔަ ބުުދަ ދުވަހު އިިންޑިޔާގެ މާހާރާސްޓްރާގެ ޕޫނާގެ ޖަލެއްގަ އެވެ. އޭނާގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކުރީ ޝަރީޢަތްކޮށް ޤާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ މަރްޙަލާތަކެއް ފުރިހަމަކުރުމަށް ފަހު އިންޑިޔާގެ ރައީސް ޕްރަނާބް މުކަރްޖީ އޭނާގެ މަރުގެ އަދަބު ލުއިކޮށްދިނުމަށް ދެކޮޅު ހެއްދެވުމާގުޅިގެންނެވެ.

މުންބާއިގެ ޙަމަލާތައް ރާވައި ހިންގި ކަމަށް އިންޑިޔާ ސަރުކާރުން ތުހުމަތުކޮށްފައި ވަނީ ލަޝްކަރޭ ތައިބާ ނަމަކަށްކިޔާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކަށެވެ. މިޙަމަލާތަކުގައި އިންޑިޔާގެ ބައެއް ރޭލްވޭސްޓޭޝަންތަކަށާއި މުންބާއިގެ ލަގްޒަރީ ބައެއް ހޮޓާތަކަށާއި ޔަހޫދީ ސަގާފީ މަރުކަޒަކަށް ޙަމަލާދީ 166 މީހަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލާފައިވެ އެވެ. ޕާކިސްތާނުގެ ތާލިބާން ޖަމާއަތަކީ ޕާކިސްތާން ސަރުކާރާ ދެކޮޅަށް ހަނގުރާމަކޮށް ޕާކިސްތާން ސިފައިންނާއި އާންމުން މެރުމުގައި ހަރަކާތްތެރިވާ ހަރުކަށި ޚިޔާލުގެ ހަނގުރާމަވެރި ޖަމާއަތެކެވެ. (ނޫސްއެޖެންސީތައް)