މުނިސިޕަލްޓީން ބިން ވިއްކުމުގެ މުއާމަލާތް ހުއްޓުވައި ދިނުމަށް އަމުރުކޮށް ދިނުމަށް އިދިކޮޅު އިއްތިހާދުން ކޯޓުގައި އެދިފައިވާ ގޮތަށް އަމުރެއް ނެރެދޭން ޖެހޭ އެއްވެސް ހާއްސަ ހާލަތެއް ނެތް ކަމަށް ދައުލަތުގެ ވަކީލުން  ކޯޓުގައި ބުނެފި އެވެ.


މާލޭގެ ބައެއް ބިންތައް ވިއްކަން މާލޭ މުނިސިޕަލްޓީން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިދިކޮޅު އިއްތިހާދުން މަދަނީ ކޯޓުގައި ކުރި ދައުވާގެ ތެރޭގައި މުނިސިޕަލްޓީން ވިއްކުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް އެދުމުން މުނިސިޕަލްޓީ ތަމްސީލު ކުރައްވާ ދައުލަތުގެ ވަކީލުންގެ ޓީމުން ޝަފާ ޝަރީފު ވިދާޅުވީ ޕާޓީތަކުން އެދިފައިވާ ފަދަ އަމުރެއް ނެރެދިނުމުގެ ހާއްސަ ހާލަތެއް ނާންނަ ކަމަށާއި އެފަދަ އަމުރެއް ނެރެދެވޭނެ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މިހާރު ޕާޓީތަކުން ހުށަހަޅާފައިވާ މައްސަލައާއި އަމުރުގައި ވެސް އެއް ކަމަކަށް އެދިފައިވާތީ މިއީ ނެރެދެވޭނެ އަމުރެއް ނޫން ކަމަށާއި ދެކަމުން ވެސް ނުކުންނަނީ އެއް ނަތީޖާ ކަމަށެވެ.


ޝަފާ ވިދާޅުވީ ބިން ވިއްކަމުން ދަނީ ބިމާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކަމަށާއި އެކަން ކޮށްފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކުގައި ކަމަށެވެ. އަދި ވިދާޅުވީ ވަޒީރުންގެ މަޖިލީހަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ވަޒީރުންގެ މަޖިލީހެއް ކަމަށް ޕާޓީތަކުން ބުނާ ބުނުމަކީ ގަރީބު ވާހަކައެއް ކަމަށާއި ބަންޑާރަ ނައިބަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ވާއިރު މައްސަލަތަކުގައި ބަންޑާރަނައިބުގެ ފަރާތްޕުޅުން ކޯޓުތަކަށް ވަކީލުން ވަޑައިގަތުމުން އެކަން ގަބޫލު ކުރައްވައި ދައުލަތަށް ދައުވާ ލިބޭ މައްސަލަތައް ހިންގަވަނީ އެއީ ވަޒީރުންގެ މަޖިލީހުގެ ސައްހަ ކަމާ މެދު ސުވާލު ނޫފެދޭތީކަމަށެވެ.


ޝަފާ ވިދާޅުވީ އަމުރެއް ނެރެދޭން އެދިފައި ވަނީ މަދަނީ މިންގަނޑުން ބެލޭނެ އެއްވެސް ހެއްކެއް ނެތި ކަމަށާއި އެފަދަ ހެކި ޕާޓީތަކުން ހުށަހަޅައިފި ނަމަ ކިތާބީ ހެކިން ޖަވާބު ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީތަކުގެ ދައުވާގައި ހަވާލާދޭ ބިނާވެށި ޕްލޭނާ ބެހޭ ގަވައިދަކީ ގެޒެޓްކޮށްފައިވާ ގަވައިދެއް ނޫން ކަމަށެވެ.


ދައުލަތުން ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވަމުން އިދިކޮޅު އިއްތިހާދުގެ ވަކީލު ވިދާޅުވީ މި މައްސަލައި ޝަރީއަތަށް އޮޅުވާލުމަށް ދައުލަތުން މަސައްކަތް ކުރާ ކަމަށާއި ވަގުތީ އަމުރެ ނެރުމަކީ ކިތާބީ ހެކިތަކެއްގެ މައްޗަށް ބިނާވާ އެއްޗެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުން އިޝާރާތް ކުރާ ގަވައިދު ގެޒެޓް ކޮށްފައި ނުވުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި  ދައުލަތުން ދައްކާ ވާހަކަތައް ދިމާ ނުވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ދައުލަތުން  ހުށަހަޅާފައިވާ ވަޒީރުންގެ މަޖިލީހުން ލަފާއެރުވި ކަމަށް ބުނާ ސިޓީ އާއި ދިވެހި ސަރުކާރުގެ ގެޒެޓްގައި "ބިން ވިއްކަން ނިންމެވީ" ކަމަށް ބުނާތީ ދައުލަތުން ހުށަހެޅި ސިޓީއާ މެދު ސުވާލު އުފެދޭ ކަމަށެވެ.


އިދިކޮޅު އިއްތިހާދުން މުނިސިޕަލްޓީގެ މައްޗަށް ދައުވާކޮށްފައި ވަނީ މުނިސިޕަލްޓީން ނީލަމުގައި 11 ބިމެއް ވިއްކަމުން ދާދިއުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި މުނިސިޕަލްޓީން ބިން ވިއްކަން ނިންމި ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމުގެ އަމުރެއް ނެރެ ދެއްވުމަށް އެދި އެވެ.


ސަރުކާރާ ދެކޮޅު، ޑީއާރްޕީއާ، ޕީއޭއާ، ޖުމްހޫރީ ޕާޓީ އަދި ގައުމީ ޕާޓީ ގުޅިގެން އުފައްދާފައިވާ އިއްތިހާދުގެ ދައުވާގައި ބުނަނީ އާ ހާބަރު ސަރަހައްދުން 2000 އަކަފޫޓުގެ ފަސް ބިމާއި  5000 އަކަފޫޓުގެ ތިން ބިމާއި 7500  އަކަފޫޓުގެ ދެ ބިމާއި 10000 އަކަފޫޓުގެ ބިމެއް ވިކުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އިއުލާނުކޮށް އެކަން މުނިސިޕަލްޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.  


ދައުވާގައި ބުނަނީ ބިމާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގައިވާ ގޮތުން ބިމާ ބެހޭ ސިޔާސަތު ކަނޑައަޅާނީ ރައީސް ކަމަށާއި އެކަމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާ ހޯދަން ވާނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީ ލާޒިމުކުރާ ފަދަ ވަޒީރުންގެ މަޖިލީހެއް ނެތި ބިން ވިއްކުމުގެ ސިޔާސަތެއް ނެރެ މުނިސިޕަލްޓީއާ ހަވާލުކޮށްފައިވާ ކަމަށެވެ.  


އާ ހާބާރުން ބިން ވިއްކުމަކީ ވިޔާފާރި ބަންޑާރަ ބިން އަމިއްލަވެގެންދާނެ ކަމަކަށްވާ އިރު އެފަދަ ބިން އަމިއްލަ ކުރުމުގެ ގަވައިދުގެ 10 ވަނަ މާއްދާގައި ބުނާ ކޮމެޓީން އަގެއް ކަނޑައެޅުމަކާ ނުލައި ބިންތައް  ވިއްކުމުގެ ކަންތައް ކުރިޔަށް ގެންދާ ކަމަށެވެ.