23 Nov 2012, 14:36
ކުށްމަދުކޮށް މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށް ދިރާސާކޮށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮސްޓްރޭލިޔާގެ ތަޖުރިބާކާރު ބޭފުޅަކު މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތްކުރައްވަން ފައްޓަވައިފި އެވެ.
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އިންޓެގްރޭޓެޑް ގަވާނަސް ޕްރޮގްރާމުގެ ހިލޭ އެހީގެ ދަށުން ޕޮލިސް ސާވިސްގައި މަސައްކަތްކުރުމަށް ވަޑައިގެންނެވި އޮސްޓްރޭލިއާގެ ތަޖުރިބާކާރު ނީލް ފާޑްސަން އަކީ ވިކްޓޯރިއާ ޕޮލިސް އިން ރިޓަޔާވެވަޑައިގެން ހުންނެވި އަދި މިހާރު ލޯ އެންފޯސްމަންޓް ދާއިރާ ހަރުދަނާ ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ، އެ ދާއިރާގެ ވަރަށް ފުންނާބު އުސް ބޭފުޅެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނީލް ފަޑްސަން އިއްޔެ ހެނދުނު ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒްއާ ބައްދަކުރައްވާފައިވާ ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ކުށްމަދުކުރުމަށް ދިވެހި ފުލުހުން ކުރިއަށް ގެންދާ ބައެއް ހަރަކާތްތައް ކޮމިޝަނަރާ ހިއްސާކުރެއްވި ކަމަށެވެ.
"އެ ބޭފުޅާގެ އިލްމާއި ހުނަރުގެ އަލީގައި ކުށްމަދުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ، އެފަދަ ތަޖުރިބާކާރު ބޭފުޅަކު ފޮނުއްވައި ދެއްވި ކަމަށްޓަކައި ކޮމިޝަނަރު ވަނީ ޔޫއެންޑީޕީ އަށް ޝުކުރުއަދާކުރައްވާފައި." ފުލުހުން ބުންޏެވެ.
އަދި ބުނީ ކުރިއަށްއޮތް ދެ ހަފްތާގެ މުއްދަތަށް ނީލް ފާޑްސަން ފުލުހުންނާ އެކު މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭނާ މަސައްކަތް ކުރައްވާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއަޒް ޑިޕާޓްމަންޓުގައި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުށްމަދުކުރުމަށް ފުލުހުން މިހާރު ކުރިއަށް ގެންދާ ހަރަކާތްތައް ދިރާސާ ކުރެއްވުމަށް ފަހު ރެޕިޑް ރިޕޯޓެއް އެކުލަވާލުމާއި މިހާރު ކުރިއަށް ގެންދަވާ ހަރަކާތްތައް ކުރިއަރުވައި ހަރުދަނާކުރުމަށް ހުށަހެޅުންތައް ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.