23 Nov 2012, 13:59
ތެހެރާން (ނޮވެމްބަރު 23): އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ނުރައްކަލުން އީރާނުގެ އިގްތިސާދު ސަލާމަތްކުުރުމުގައި ބޮޑު ކާމިޔާބީއެއް ޙާސިލްކުރެވިފައިވާ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފި އެވެ.
އީރާނުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު މަހްމޫދު ބަހަމަނު ވިދާޅުވީ ހުޅަނގުން އީރާނާ ދެކޮޅަށް އަޅާފައި ވަނީ އާދަޔާ ޚިލާފު ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ކަމަށާއި އެފިޔަވަޅުތަކުގެ ނުރައްކާ ކުޑަކުރުމުގައި އީރާނަށް ކާމިޔާބު ލިބުނީ އީރާނަށް ބޭރުން އިންޕޯޓްކުރާ ތަކެތީގެ ނިސްބަތްކުޑަކޮށް ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ސިނާޢީ އުފެއްދުންތައް ގިނަކޮށްގެން ކަމުގަ އެވެ. މީގެ އިތުރުން އީރާނުގެ އަތުގައި ރަނުގެ ބޮޑު ރިޒާވަކާއި ބޭރު ފައިސާގެ ބޮޑު ރިޒާވެއް އެއްއޮތުމަކީ ވެސް މިކަމުގެ ގެއްލުންތައް ކުޑަވެގެން ދިޔަކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
މިއާ އެކު ވެސް ހުޅަނގުގެ އާދަޔާ ޚިލާފު ދަތިކުުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އީރާނުގެ އިގްތިސާދަށް ކޮށްފައިވާ ކަމަށާއި މިކަމުން އަރައިގަތުމަށް ދިގުމުއްދަތެއް ނަގާނެ ކަމަށް ބަހަމަނު ވިދާޅުވި އެވެ. އެމެރިކާއާއި ޔޫރަޕުން އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްގެ ސަބަބުން އިސްރާއީލުގެ ވުޖޫދަށް ނުރައްކާވާ ކަމަށް ބުނެ އެޕްރޮގްރާމް ހުއްޓުވުމަށާއި ފަލަސްތީނުގެ މިނިވަންކަަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖާމާއަތް ފަދަ ޖަމާއަތްތަކަށާއި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް އެހީތެރިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އެކިފަހަރުމަތިން ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އީރާނުގެ އިޤްތިސާދުގެ ހުރިހާ ސެކްޓާތަކަށް ވެސް އަމާޒުކޮށްފައިވެ އެވެ. ޚާއްސަކޮށް އީރާނުގެ ތެލާއި ގުދްރަތީ ގޭހުގެ ސިނާއަތަށާއި މާލީ ސެކްޓަރަށާއި ޢިލްމީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް މިފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް އަމާޒުކޮށްފަ އެވެ. ޕާކިސްތާނުގެ އިސްލާމް އާބާދުގައި ކުރިޔަށްދާ ކުރިއަރަމުންދާ ގައުމުތަކުގެ އިގްތިސާދީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އީރާނުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމަކީ ވެސް ހުޅަނގުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު އީރާނުގެ އިގްތިސާދަށް ކުރިމިންވަރު ކުޑަކޮށްދިން ކަމެއްކަމަށް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިންވެސް ވަނީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ކުރަންވާވަރާ ގާތަށް ވެސް އީރާނުގެ އިގްތިސާދަށް ނޭދެވޭ އަސަރު ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައިކޮށްފައިނުވާ ކަމަށް ބުނެފަ އެވެ. މިކަމުގެ ފަހަތުގައި ވަނީ މިމުއްދަތުގެ ތެރޭގައި އީރާނުން ދަނޑުވެރިކަމުގެ އުފެއްދުންތައް 30 ޕަސެންޓަށް އިތުުރުކުރުމާއި ސިނާޢީ އެހެން އުފެއްދުންތައް ވެސް އިތުކޮށް މިތަކެތި އެކްސްޕޯޓްކޮށްގެންނާއި ބޭރުން އިންޕޯޓްކުރާ މުދަލުގެ ނިސްބަތް ވެސް ބޮޑަށް ދަށްކޮށްލުމުގެ އިތުރުން އީރާނުގައި ބޭރުގެ ފައިސާގެ ބޮޑު ރިޒާވަކާއި ރަނުގެ ބޮޑު ރޒާވެއް ހުރުން ކަމަށް ބުނެފަ އެވެ.
މިއާއެކު ވެސް ހުޅަނގުގެ ފިޔަވަޅުތަކުގެ ސަަބަބުން އީރާނުގެ ފައިސާގެ އަގު ވަރަށްބޮަޑަށް ވެއްޓި އިގްތިސާދީ ހަލަބޮލިކަމެއް އީރާނަށް ވަނީ އައިސްފަ އެވެ. ނަމަވެސް ދަނޑުވެރި އުފެއްދުންތަކާއި ސިނާޢީ އުފެއްދުންތައް އިތުރުކޮށް އީރާނުން ގެންގުޅޭ ޚަރަދުކުޑަކުރުމުގެ ސިޔާސަތުތައް ރަނގަނޅަށް ތަންފީޒު ކުރެވިއްޖެ ނަމަ އީރާނުގެ ފައިސާގެ އަގު ހަަމައަކަށް އެޅުވި އިގްތިސާދު ރަނގަނޅު ކުރެވިދާނެ ކަމަށް އައިއެމްއެފް އިން ބުނެފައިވެ އެވެ.
އީރާނަކީ ވަރަށް ގިނަ ކަންކަމުގައި އަމިއްލަ ނަފްސަށް ބަރޯސާކުރުުމުގެ ސިޔާސަތެއް ގެންގުޅޭ ޤައުމެކެވެ. އިރާޤުން އީރާނާދެކޮޅަށް ކުރި އަށް އަހަރުވީ ހަނގުރާމައިގެ ދުވަސްވަރު ވެސް އީރާންގެ އިޤްތިސާދު ބަނގުރޫޓް ވުމުން ސަލާމަތްވީ ބޭރުން ލޯން ނުނަގައި ހުރިހާ ކަމެއްގައި ވެސް އަމިއްލަ ނަފްސަށް ބަރޯސާކޮށްގެންނެވެ. މިއާ ޚިލާފަށް ޢިރާޤުގެ އިޤްތިސާދު އިނދަޖެހުނީ ގަލްފުގެ ޢަރަބި ޤައުމުތަކަށާއި ފަރަންސޭސިވިލާާތާއި ރަޝިޔާ ފަދަ ޤައުމުތަކަށް ބަރޯސާވެ އެޤައުމުތަކުން ބޮޑެތި ލޯންތަކާއި ދަރަނީގެ ގޮތުގައި ހަތިޔާރާއި އެނޫންތަކެތި ހޯދުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެފައިވެ އެވެ. (ރޮއިޓާސް)