އެމްޑީޕީން ވެރިކަމުގައި އޮތް ނަމަ ޖީއެމްއާރުގެ ހިމާޔަތުގައި "އިންޑިއާގެ ސިފައިން" ރާއްޖޭގައި ބައިތިއްބީސް ކަމަށް ރައީސް މުހަންމަދު ނަޝީދުގެ ސުޕެޝަލް އެޑްވައިޒަރުކަން ކުރެއްވި އިބްރާހިމް ހުސެން ޒަކީ ވިދާޅުވެއްޖެ އެވެ.

"އަހަރުމެން ވެރިކަމުގައި ތިބި ނަމަ އަހަރުމެން ޔަގީން އިންޑިއާގެ ބާރުތައް މިހާރު ތިބީހީ ރާއްޖޭގައި،" ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރެއްވި ޒަކީ ވިދާޅުވި ކަމަށް އިންޑިއާގެ ނޫސްތަކުގައިވެ އެވެ.

ޒަކީ ވިދާޅުވި ކަމަށް އެ ނޫސްތަކުގައި ވަނީ އިންޑިއާގެ ޖީއެމްއާރާ ދެކޮޅަށް މިހާރު ކުރެވޭ މަސައްކަތްތަކީ "ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ހަރަކާތްތަކެއް" ކަމަށެވެ. އަދި ވިދާޅުވީ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކުން ރާއްޖެ އަށް އަތްގަދަކުރާ ނަމަ އެ ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

"ހައްދު ފަހަނައަޅާފައިވާ ހަރުކަށި ދީނީ ހިޔާލުތަކުން ގައުމަށް އަތްގަދަ ކުރާނަމަ، ލަޝްކަރީ ތޮއިބާ (މުމްބާއީއަށް ބޮމުގެ ހަމަލާތައް ދިން ކަމަށް އިންޑިއާއިން ތުހުމަތު ކުރާ ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތުން) ގައުމަށް އަތް ގަދަ ކުރާނަމަ އެ ނޫން ގޮތެއް ނެތް،" ޒަކީ ވިދާޅުވެފައިވެ އެވެ.

އެއާޕޯޓް ޖީއެމްއާރު އަތުން އަތުލުމަށް އެންމެ އިސްކޮށް މަސައްކަތް ކުރާ އަދާލަތު ޕާޓީގެ އިސްފަރާތްތަކަކީ ޕާކިސްތާނުން ތައުލީމު އުގެނިގެން ހަރުކަށި ހިޔާލުފަތުރަން މަސައްކަތް ކުރާ ބައެއް ކަމަށް ޒަކީ ވިދާޅުވި ކަމަށް ނޫސްތަކުގައިވެ އެވެ. އަދި ޖީއެމްއާރާރުގެ އެގްރިމަންޓަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކޮށްފައިވާ އެއްބަސް ވުމެއްކަން ފާހަގަ ކުރަމުން ޒަކީ ވިދާޅުވި ކަމަށް ބުނެފައި ވަނީ ރައީސް ނަޝީދުގެ ސަޕޯޓަރުން އެ އެގްރިމަންޓް ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާޔާ މެދު ރައީސް ވަހީދު ގެންގުޅުއްވާ ސިޔާސަތަށް ފާޑު ވިދާޅުވަމުން ޒަކީ ވިދާޅުވެފައި ވަނީ ރާއްޖެ އިން ގެންގުޅެނީ އިންޑިއާޔާ ދެކޮޅު ޗައިނާގެ ސިޔާސަތު ކަމަށާއި އެއީ ސާކު ސަރަހައްދުގެ މަސްލަހަތާއި ފުށޫއަރާނެ ކަންތައްތަކެއް ކަމަށެވެ.

ޒަކީގެ އިންޑިއާ ދަތުފުޅުގައި އޭނާ ވަނީ އިންޑިއާ ސަރުކާރުގެ އިސްފަރާތްތަކަކާއި ބައްދަލުކުރައްވައިފަ އެވެ. އެގޮތުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ހުރުޝީދާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ ޝީވް ޝަންކަރު މެނޮން އާއި ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީއާ ބައްދަލުކުރެއްވި އެވެ.

އެ ބައްދަލުވުންތަކާ ގުޅޭ ގޮތުން ޒަކީ ވިދާޅުވެފައި ވަނީ އޭނާ ބައްދަލުކުރެއްވި އިންޑިއާގެ އޮފިޝަލުން ވިދާޅުވި އެއްޗަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކުރައްވާ ކަމަށެވެ.