ފިލްމީ ތަރީންގެ ހަނދާންތަކަކީ ވަރަށް އަވަހަށް ނެތިގެން ދާ އެއްޗެއް ކަމަށާއި، އެހެންކަމުން އޭނާ ފަދަ ފިލްމީ ތަރީންގެ ހަނދާންތައް ވެސް ވަރަށް އަވަހަށް ނެތިގެން ހިނގައިދާނެ ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން ބުނެފި އެވެ.

އަޖޭ ބުނި ގޮތުގައި ފިލްމީ ދާއިރާއާ މެދު އަބަދު ވެސް މީހުން ހަނދާން ހުންނަނީ އޭރަކު އެބަޔަކަށް ފެންނަ މަންޒަރުތަކެކެވެ. އެހެން ކަމުން ފިލްމީ ދާއިރާއާ ދުރަށް ދާތާ މާ ގިނަ ދުވަސްތަކެއް ނުވެ ފިލްމީ ތަރީންގެ ހަނދާންތައް މާޒީއާ އެކު ވެ ނެތިގެންދާނެއެވެ.

"މިއަދު އަހަރެމެން މި ތިބީ މި ތާނގައި. މީޑިޔާ އާއި މީހުންގެ ކުރިމަތީގައި. އެހެންނަމަވެސް މީގެ 30 – 40 އަހަރު ފަހުން އަހަރެމެން ފަދަ ތަރީންގެ ހަނދާން ބަޔަކު ކުރާނެ ހެނެއް ހިޔެއް ނުވޭ. މީގެ ކުރީން ވެސް މިހެން ވެފައި އެބަ ހުރި. މީގެ ކުރީގެ ތަރީން. އެމީހުންގެ ވާހަކައެއް މިހާރުގެ ޖީލުގެ މީހުންނެއް ނުދައްކާ." 43 އަހަރުގެ ތަރި ބުންޏެވެ.

"އަހަރެމެންނަށް ވުރެ މާ ބޮޑެތި ތަރީން އަދިވެސް އެބަ ތިބި. އެކަމަކު ކެމެރާ ކުރިމަތީން ނުފެންނާތީ އެމީހުންނަކީ ކޮންބައެއް ކަމެއް މީހުން ނުދަނޭ. މި ކަހަލަ ޕޮރުގުރާމްތަކުން އެމީހުންގެ އަގު ވަޒަން ކުރާ ނަމަ، އެމީހުންގެ ހަނދާންތައް އަނެއްކާ ވެސް އާވެ އާލާވެގެންދާނެ. އެއީ ކުރާން ވަރަށް މުހިންމު ކަމެއް." ވޯލްކް އޮފް ދަ ސްޓަރސް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން އަޖޭ ބުންޏެވެ.

އަޖޭ ދޭވްގަން މިހާރު ކުރަމުން ގެންދަނީ، އޭނާގެ އެންމެ ފަހު ފިލްމު ކަމުގައިވާ "ސަން އޮފް ސަރްދާރު" ޕްރޮމޯޓު ކުރުމުގެ މަސައްކަތެވެ.