23 Nov 2012, 12:03
މިހާރު ރާއްޖޭގައި މިއޮތް ވެރިކަން މިދަނީ ރޫޅެމުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
"ވައުދުގެ ދަތުރު ބޮޑު ތިލަދުން މަތި" މިނަމުގައި އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތުގައި މިރޭ ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ދަނީ ރޫޅެމުން ކަމަށާއި ރޫޅިގެންދާ ދިއުމުގައި އިވޭ އަޑުތަކާއި އަޅާ ވޭން އިހުސާސުވާ ކަމަށެވެ.
"މިވެރިކަން މިދަނީ ރޫޅެމުން، މިދާ ދިއުމުގައި އިވޭ އަޑުތަކާއި އަޅާ ވޭން އަޅުގަނޑުމެންނަށް ވެސް އެބަ އިހުސާސްވޭ، އެ ހާކުވާހާ ބޮޑަޔާ، ދައްކަވަމުން ގެންދަވާ ވާހަކަތަކުން އަޅުގަނޑުމެންނަށް މި އިނގެނީ ވެރިކަމުގެ ތެރޭގައި އުފެދިގެން އަންނަ ފިތުނަޔާ ފަސާދަޔާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ސަރުކާރުގެ އެއްބޭފުޅަކާ އަނެއް ބޭފުޅަކާ ދެމެދު އޮތް ނޭއްގާނީކަމާއި ރުޅިވެރިކަމުގެ ސަބަބުން އާއްމު ދިވެހިންގެ ތަރައްގީއަށް ހުރަސް އެޅޭ ކަމަށެވެ.
".. ހިތާމަޔަކީ މިއެންމެ ކަންކަން، އަޅުގަނޑުމެން އާއްމު ދިވެހި ތަރައްގީއަށް ހުރަސްއަޅާ ކަން" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރޭގެ ވާހަކަފުޅުގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ފުލުހުން ރާވާފައިވާ ކަން ދޭހަވާ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ބޭރުގެ ފަރާތްތަކަށް ފޮނުއްވާފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.
އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި އަލުން ގާއިމްކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ރައީސް ނަޝީދު ރޭ ވެސް ތަކުރާރު ކުރެއްވި އެވެ. އެމްޑީޕީން ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވެސް ތަކުރާރު ކުރެއްވި އެވެ.
މިރޭގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެޕާޓީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި އެވެ.