ވެލެންސިއާ އަށް ކުޅުމަކީ އަބަދުވެސް އެދޭ ކަމެއް ކަމަށާއި އެނބުރި އެކުލަށް އާދެވުމުން ވަރަށް އުފާވެއްޖެކަމަށް އަކުރަމް އަބުދުލްގަނީ ބުނެފި އެވެ.

ގައުމީ ޓީމާއި ވެލެންސިއާގެ ކުރީގެ ކެޕްޓަން އައްސަދު އަބުދުލްގަނީގެ ކޮއްކޮ އަކުރަމްގެ އާއިލާއާ ވެލެންސިއާއާ ވަރަށް ބޮޑަށް ގުޅިފަ އެވެ. އައްސަދު ވެލެންސިއާއަށް އެތައް އަހަރެއްގައި ކުޅެ ކާމިޔާބު ހޯދި އިރު އަކުރަމް 2005 ގައި ކުޅެން ފެށީ ވެސް ވެލެންސިއާއިންނެވެ. އަދި އޭނާގެ އަނެއް ބޭބެ މިހާރު ކުޅުން ހުއްޓާލާފައިވާ އަންވަރު އަބުދުލްގަނީ އަކީ ވެސް ވެލެންސިއާއިން ކުޅެން ފެށި ކުޅުންތެރިއެވެ.

"އަހަރެން ބޭނުންވެގެން ވެލެންސިއާއިން ގުޅުމުން ވެސް ވަރަށް އުފާވެއްޖެ. އަބަދުވެސް ކުޅޭ ހިތްވަނީ ވެލެންސިއާ އަށް،" މި އަހަރު ވިކްޓަރީ އަށް ކުޅުނު އަކުރަމް ބުންޏެވެ.

ވިކްޓަރީން ވެލެންސިއާ އަށް ބަދަލުވި މުހައްމަދު ޝިފާން (ކުޑައްޓޭ) ބުނީ އޭނާ ކުލަބު ބަދަލުކުރީ ވެލެންސިއާގެ އޮފާ އެހެން ޓީމުތަކަށްވުރެ ރަނގަޅުވުމުން ކަމަށެވެ. އަދި ވިކްޓަރީގައި ހޭދަކުރި ހަތަރު އަހަރު އެކުލަބުން ކަންތައްކޮށްދިނީ ވަރަށް ރަނގަޅަށް ކަމަށާއި ހާއްސަކޮށް ކޯޗު އަލީ ސުޒޭނަށް ޝުކުރު އަދާކުރާ ކަމަށެވެ. މީގެ އިތުރުން މުހައްމަދު ރަޝީދު (ހޮކޭ) ވެލެންސިއާ އަށް ސޮއިކުރީ ވެސް އެންމެ ރަނގަޅު ހުށަހެޅުން ލިބުނީ އެކުލަބުން ކަމަށްވުމުންނެވެ.