ކުލަބު ވެލެންސިއާ އަންނަ އަހަރަށް ވަރުގަދަ ކުރުމަށް އަދިވެސް އިތުރު މޮޅު ކުޅުންތެރިން ގެންނާނެ ކަމަށް ޗެއާމަން އިބްރާހީމް ރާއީ ރަޝިދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ގައުމީ ޓީމާއި ވިކްޓަރީގެ ތިން ކުޅުންތެރިން ކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އަކުރަމް އަބުދުލްގަނީ އަދި މުހައްމަދު ރަޝީދު (ހޮކޭ) ވެލެންސިއާއާ ގުޅުނުކަން ރަސްމީކޮށް އިއުލާނު ކުރުމަށް ސަލްސާ ރޯޔަލްގައި ބޭއްވި ހަފުލާގަ އެވެ.

"އަޅުގަނޑުމެން އަދިވެސް އިތުރު ކުޅުންތެރިން ގެންނާނަން. ބޭނުންވަނީ ކުލަބު އިތުރަށް ވީހާ ވެސް ވަރުގަދަކުރުން. މި ގޮތުން މޮޅު ކުޅުންތެރިންތަކަކާ އަދިވެސް ވާހަކަ ދައްކަމުންމިދަނީ. ވެލެންސިއާ ބަލިކަށިކޮށް އޮތުމަކީ މި ކުލަބުގެ ސަޕޯޓަރުން އެދޭގޮތެއްނޫން. އަޅުގަނޑު މަސައްކަތްމިކުރަނީ ސަޕޯޓަރުން އެދޭފަދަ ޓީމެއް ހެދުމަށް. އިރާދަ ކުރެއްވިއްޔާ އެކަން ކުރާނަން،" މި އަހަރުގެ މާޗު މަހު ޓީމާ ހަވާލުވި ޒުވާން ޗެއާމަން އަދި ވެލެންސިއާގެ މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދުގެ ދަރިފުޅު ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ ވެލެންސިއާއަކީ ގިނަ އަދަދަކަށް ސަޕޯޓަރުން ތިބި ކުލަބެއް ކަމަށާއި މި އަހަރު ސަޕޯޓަރުންނަށްޓަކައި ކުލަބު ވަރުގަދަ ކުރާއިރު ވެލެންސިއާގެ ސަޕޯޓަރުން ކުލަބުގެ ހަރަކާތްތަކުން ފެނުމަކީ މުހިންމު ކަމެއް ކަމަށާއި ވަރަށް އަވަހަށް ސަޕޯޓަރުންނަށް ކުލަބާއެކު މަސައްކަތްކުރުމުގެ ތަނަވަސް ފުރުސަތެއް ހުޅުވާލާނެ ކަމަށެވެ. އަދި ފުޓްބޯޅައިގެ ފޯރި ނެރުމަށް ސަޕޯޓަރުން ތިބީ ނިއު އާއި ވެލެންސިއާ އަދި ވިކްޓަރީގައި ކަމަށާއި މިތިން ކުލަބު ވަރުގަދަވުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހުސްވި ތިން އަހަރު ގަދަ ހަތަރަކުން ބޭރުވެ، މި އަހަރު ރެލިގޭޝަން ކުޅުނު ވެލެންސިއާއިން ވަނީ ވިކްޓަރީގެ ކީޕަރު މުހައްމަދު ފައިސަލް އާއި އީގަލްސްގައި ހުރި ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބުދުލްގަނީ ވެސް ގެންގޮސްފަ އެވެ.