23 Nov 2012, 04:10
ޗެލްސީގެ ކޯޗަކަށް ލިވަޕޫލްގެ ކުރީގެ ކޯޗު ރަފޭލް ބެނީޓޭޒް ހަމަޖެއްސުމުން އަޅުގަނޑު ދެ ރަހުމަތްތެރިއަކަށް އެއްފަހަރާ އެސްއެމްއެސްއެއް ފޮނުވީމެވެ. ނުހަނު އަވަހަށް ޖަވާބުވެސް ލިބުނެވެ.
"އާނ. ދެން ސަޕޯޓްކުރުން ވެސް ހުއްޓާލަން މި ވިސްނަނީ،" ޗެލްސީ އަށް މަރުދޭ އެސަޕޯޓަރު ޖަވާބުގައި ފޮނުވި މެސެޖްގައިވެ އެވެ. ކިތަންމެ އަވަދިނެތި އުޅެމުން ވެސް ޗެލްސީގެ މެޗުތަކަށް ވަގުތު ހުސްކުރާ އަނެއް ސަޕޯޓަރު ފޮނުވި މެސެޖްގައި ހީނގެންފައި ބުނެފައިއޮތީ "ރަނގަޅުވާނެ،" އެކަނި ޖަހާފަ އެވެ. އޭނާ އެހެން ބުނީ ކީއްވެކަން އަޅުގަނޑަށް ވިސްނުނެވެ. އެއީ އަބަދުވެސް ޓީމު މޮޅުވާން އެދޭތީ އެވެ.
ނަމަވެސް އަޅުގަނޑުގެ ރަހުމަތްތެރި އަނެއް ސަޕޯޓަރު ދެން ސަޕޯޓްކުރުން ހުއްޓާލަންވީއޭ ބުނީ ކީއްވެބާ އެވެ؟ އަޅުގަނޑަށް ވިސްނެނީ މިގޮތަށެވެ. ލިވަޕޫލްގައި ބެނީޓޭޒް ހުރި ދުވަސްވަރު ވެސް އެރަހުމަތްތެރިޔާ ބެނީޓޭޒް ދެކެ ވަރަށް "ފޫހި"ވެ އެވެ. މައިގަނޑު އެއްސަބަބަކީ އޭނާ ގެންނަ ބަދަލުތައް އަޅުގަނޑުގެ ރަހުމަތްތެރިޔާ އަށް ކަމުނުދިއުމެވެ. ފަހަރުގައި އެއީ ބެނީޓޭޒްގެ ދުވަސްވަރު ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އަތުން ޗެލްސީ ގިނަ ފަހަރު ބަލިވާތީ ކަމަށްވެސް ވެދާނެ އެވެ.
ކޮންމެއަކަށް އަޅުގަނޑު ވެސް ގަބޫލުކުރާ ގޮތުގައި ޗެލްސީގެ ހަގީގީ ސަޕޯޓަރުން ބެނީޓޭޒް ދެކެ ނުރުހުންވުން ހައްގެވެ. އޭނާ ވަނީ ލިވަޕޫލަށް ކޯޗުކޮށްދިން ދުވަސްވަރު ކޮންމެ ހައިސިއްޔަތަކުން ނަމަވެސް ޗެލްސީގެ ސަޕޯޓަރުންނަށް މަލާމާތްކޮށް، އެކުލަބުގެ ލަވައަށް ވެސް ފާޑުކިޔައިފަ އެވެ.
ޗެލްސީގެ ލަވައިގައި ޓީމު ކޮންމެތާކަށް ދިޔަ ނަމަވެސް ސަޕޯޓަރުން އަބަދުވެސް ތިބޭނީ ޓީމާއެކުގައި ކަމަށާއި ކުލަބުގެ ނޫދިދަ އުޑާ ހަމައަށް އުފުލުމުގައި ސަޕޯޓަރުން ދެމިތިބޭނެ ކަމަށް ބުނެފައި އޮންނަ އޮތުމަށް ވެސް ބެނީޓޭޒް ވަނީ ޒާތަކަށް ޖޯކު ޖަހައިފަ އެވެ.
މި ގޮތުން މި ލަވައަށް ޗެލެންޖް ކުރަމުން ބެނީޓޭޒް ބުނެފައިވަނީ ލިވަޕޫލްގެ ސަޕޯޓަރުންގެ އަތަށް ދިދަ ވިހުރުވަން ދޭން ނުޖެހޭނެ ކަމަށާއި ލިވަޕޫލްގެ ކޮންމެ ސަޕޯޓަރަކީ ހިތާއި ރޫހުން ކުލަބަށް ތަރުހީބުދޭން ކުލަބުން ބޭނުންވާ ކޮންމެ ވަގުތެއްގައި ތިބޭ ބައެއް ކަމަށެވެ. އަދި އެއީ ކާމިޔާބު ލިބުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށާއި ކާމިޔާބު ލިބެނީ ދިދައަކުންނޫން ކަމަށެވެ. އޭނާގެ މިވާހަކަތައް ލިވަޕޫލްގެ ސަޕޯޓަރުންގެ މެދުގައި ނުހަނު މަގުބޫލުވެ، ބެނާތަކުގައި ލިޔެހަދާފައިވައިރު ބައެއް ރިޕޯޓްތައް ބުނަނީ ޗެލްސީގެ ސަޕޯޓަރުން ވިހުރުވައި ހަދަނީ ޕްލާސްޓިކް ދިދައެއް ކަމަށާއި ހަގީގީ ސަޕޯޓެއްނޫން ކަމަށް ވެސް ބެނީޓޭޒް ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ ދުވަހަކު ވެސް ޗެލްސީ އަށް ކޯޗުކޮށްނުދޭނެ ކަމަށާއި އިނގިރޭސިވިލާތުގައި އޭނާ ލޯބިވާ ހަމައެކަނި ކުލަބަކީ ލިވަޕޫލް ކަމަށް ވެސް ބުނެފަ އެވެ. އަދި ޗެލްސީ އަށް ކޯޗުކޮށްދިނުމަކީ ލިވަޕޫލަށް ވެވޭ ބޭއިހްތިރާމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ޗެލްސީއާ ހަވާލުވުމަށްފަހު ބެނީޓޭޒް ބުނީ އޭނާ ކުރިން ދެއްކި ވާހަކަތަކަކީ އެއިރު ލިވަޕޫލްގެ ކޯޗުގެ ހައިސިއްޔަތުން އެ ޓީމު ދިފާއުކުރަން ދެއްކި ވާހަކަތަކެއް ކަމަށާއި އެއީ ޗެލްސީގެ ސަޕޯޓަރުން ދެރަކޮށްލަން ބުނި ވާހަކަތަކެއްނޫން ކަމަށެވެ. އަދި ކޮންމެ ސަޕޯޓަރަކު ވެސް އޭނާގެ ކޯޗު ޓީމުގެ ދިފާއުގައި ވާހަކަދައްކާތަން ބަލަން ބޭނުންވާނެ ކަމަށާއި އެވާހަކަތަކަކީ ވަގުތާއި ހާލަތުގެ ގޮތުން ދެއްކި ވާހަކަތަކެއް ކަމަށެވެ.
މިއީ މީހެ ފަސް އަހަރުކުރިން ދެއްކި ވާހަކަތަކެއް ނަމަވެސް މިފަދަ ސަބަބުތަކާހުރެ ޗެލްސީގެ ސަޕޯޓަރުން ވަނީ ކުލަބުވެ ވެރިޔާ އަދި ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮމިވިޗް ބެނީޓޭޒަށް ކޯޗުކަން ދިނުމުން ވަރަށް ބޮޑަށް އޭނާދެކެ ވެސް ނުރުހުންވެފަ އެވެ. ބައެއް ސަޕޯޓަރުން ވަނީ ބެނީޓޭޒް ވަގުތުން ކޯޗުކަމުން ވަކިކުރުމަށް ވެސް ގޮވާލައިފަ އެވެ. އަދި ހުސްވި މާޗު މަހު އޭނާ ޗެލްސީއާ ހަވާލުވާކަމަށް އަޑުފެތުރުމުން ސަޕޯޓަރުން ވަނީ ސްޓޭޑިއަމުގައި ސްޓްރައިކް ވެސް ހަދައިފަ އެވެ. ރާއްޖޭގެ ސަޕޯޓަރުންނަށް އެފުރުސަތު ނެތަސް އެމީހުން ވެސް ތިބީ ހިތްހަމަނުޖެހުމުގެ މޫޑެއްގަ އެވެ.