23 Nov 2012, 03:37
ދުވަހަކު ވެސް ޗެލްސީ އަށް ކޯޗުކޮށްނުދޭނެ ކަމަށް މީގެ އަހަރުތަކެއްގެ ކުރިން ބުނީ އެއިރު އޭނާ ކޯޗުކޮށްދެމުން އައި ލިވަޕޫލް ދިފާއު ކުރުމަށް ކަމަށް ޗެލްސީގެ އާކޯޗު ރަފޭލް ބެނީޓޭޒް ބުނެފި އެވެ.
މި ސީޒަނުގެ ނިޔަލަށް ޗެލްސީއާ ހަވާލުވެ ދިން ފުރަތަމަ ނޫސްކޮންފަރެންސްގައި ބެނީޓޭޒް ބުނީ ޗެލްސީގެ ސަޕޯޓަރުންނަށް އޭނާ އިހްތިރާމްކުރި ކަމަށާއި ސަޕޯޓަރުންނަށް ފާޑުކިޔާފައިވަނީ ވެސް ލިވަޕޫލް ދިފައު ކުރުމަށް ކަމަށެވެ.
"އަހަރެން ތެދުވެރިވާން ބޭނުން. އަހަރެން ތިހެން ނުވަތަ އެހެން ބުނިނަމަ އެހާލަތަށް ބަލަންޖެހޭ. އެއިރު އަހަރުމެން (ލިވަޕޫލް) ކުޅުނީ ޗެލްސީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލް. އަހަންނަކީ ސަޕޯޓަރެއްނަމަ އަހަރެން ބޭނުންވާނެ މެނޭޖަރު އަހަރެންގެ ޓީމުގެ ދިފާއުގައި ފައިޓްކުރާތަން ދެކެން. އަހަރެން ނުދެކެން އެއީ ޗެލްސީގެ ސަޕޯޓަރުންނަށް އިހްތިރާމް ނުކުރުން ކަމަށް. އެއީ މެނޭޖަރު އޭނާގެ ޓީމު ދިފާއުކުރުން،" ޗެލްސީގެ ސަޕޯޓަރުންނަށް އެއްޗެހި ކިޔާފައިވާ ކަމަށް ބުނެ ނޫސްވެރިން ސުވާލުކުރުމުން ބެނީޓޭޒް ބުންޏެވެ.
ސްޕޭނަށް އުފަން ބޭނީޓޭޒް ބުނީ އިޓަލީގެ އިންޓަމިލާނުން ވަކިކޮށްލުމުން ބޮޑު މުސާރައަށް އޭނާ އެއްވެސް ކުލަބަކަށް ނުގޮސް އިނގިރޭސިވިލާތުގައި މަޑުކުރީ ތަށި ހޯދޭވަރުގެ އިނގިރޭސި ބޮޑު ކުލަބެއްގެ އިންތިޒާރުގައި ކަމަށާއި ޗެލްސީ އަށް ފަސް ތަށި މި ސީޒަނުގައި ހޯދިދާނެ ކަމަށެވެ.
އޭނާ އަދި ބުނީ މި ސީޒަނުގެ ނިޔަލަށް ކޯޗުކަން ދިން ނަމަވެސް ސީޒަން ނިމޭއިރު ސަޕޯޓަރުން އޭނާގެ އެހީއަށް އެދޭފަދަ ކާމިޔާބުތަކެއް ހޯދޭނެ ކަމަށް ޔަގީން ކުރާ ކަމަށެވެ. އަދި ޗެލްސީގެ ކޯޗަކަށް މި ސީޒަނަށް ފަހު ގެންނާނެ ކަމަށް ބެލެވޭ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާއާ ވެސް ގާތްގުޅުމެއް ބާއްވާ ކަމަށެވެ.
"އަހަންނާ ވަރަށް ގާތް ގުޅުމެއް އޮވޭ ގާޑިއޯލާއާ. އޭނާ އަކީ މޮޅު މެނޭޖަރެއް. އެކަމަކު ކުރިމަގުގައި ވާނެގޮތެއް ނޭނގެ،" ބެނީޓޭޒް ބުންޏެވެ.
ލިވަޕޫލަށް ހަ އަހަރު ކޯޗުކޮށްދީ ޗެމްޕިއަންސް ލީގު ހޯދައިދިން ބެނީޓޭޒް އަދި ބުނީ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުތައް ފިޔަވައި އެހެން ހުރިހާ މެޗެއްގައި ލިވަޕޫލްގެ ސަޕޯޓަރުން އޭނާ އަށް ހެޔޮއެދޭނެ ކަމަށްވެ.
ޗެލްސީގެ ސަޕޯޓަރުން ވަނީ އެ ޓީމުގެ ކޯޗަކަށް ބެނީޓޭޒް ހަމަޖެއްސުމުން އޭނާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ވެސް ފާޅުކޮށްފަ އެވެ. މި ގޮތުން ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗްދެކެ ވެސް އެމީހުން ވަނީ ހިތްހަމަނުޖެހިފަ އެވެ.