23 Nov 2012, 03:17
މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑު ކަމަށްވާ އޯލްޑް ޓްރެފަޑްގެ ބޭރުގައި އެ ޓީމުގެ ކޯޗު ސާ އެލެކްސް ފާގަސަންގެ 9 ފޫޓުގެ ބުދެއް ބަހައްޓަން ތައްޔާރުކޮށްފި އެވެ.
ރިހިން ހަދާފައިވާ މި ބުދަކީ ފާއިތުވެދިޔަ 25 އަހަރު ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުން ފާގަސަންގެ އަގުނުކުރެވޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބަހައްޓާ ބުދެކެވެ. މި ބުދު ހުކުރު ދުވަހު މެންދުރު ފަހު 2 ޖަހާއިރު ރަސްމީކޮށް ތައާރަފްކުރުމަށް ވަރަށް ހާއްސަ ހަފުލާއެއް ބާއްވާނެ އެވެ. މި ހަފުލާ އަށް އެކުލަބުގެ ސަޕޯޓަރުން އޯލްޑް ޓްރެފަޑަށް ޖަމާވާއިރު އެންމެ ގިނަ ބައެއްގެ ހިތުގައި މިހާރު އުފެދިފައިވާ ސުވާލަކީ މި ބުދު ހުންނާނެ ގޮތަކާމެދުގަ އެވެ. އެއް ބަޔަކު ބުނަނީ ފާގަސަން ގެ ބުދު ހުންނާނީ މެޗު ނިމޭއިރު ފާގަސަން އޭނާގެ އަތުކުރީ ގަޑިއަށް ބަލާ މަންޒަރު ސިފަކޮށްދީފަ އެވެ. އަނެއް ބަޔަކު ބުނަނީ ކޮންމެވެސް ޓްރޮފީއެއް އުފުލާލައިގެން ހުރި ޕޯސްގެ ގޮތުގައި ކަމަށެވެ. ފާގަސަންގެ މި ބުދު ބަހައްޓާފައިވަނީ މެންޗެސްޓާއިން މިހާތަނަށް ނޯތް ކޯނަރުގެ ގޮތުގައި ފާހަގަ ކުރަމުން އައި ސަރަހައްދުގަ އެވެ. މިބުދާއެކު މިތަނުގެ ނަން ވެސް ވަނީ "ފާގަސަންގެ މަގާމު" މިގޮތަށް ބަދަލުކޮށްފަ އެވެ. މި ތަނުގެ ކަނާތް ފަރާތުގައި ވަނީ ޗެމްޕިއަންސްލީގުގެ ތަށި ފާގަސަން އުފުލާލާ މަންޒަރުގެ ފޮޓޯއެއް ބަހައްޓާފަ އެވެ. ވާތް ފަރާތުގައި ހުރީ އިނގިރޭސި ލީގު އުފުލާލާ މަންޒަރުގެ ފޮޓޯއެކެވެ.
މާދަމާގެ ރަސްމިއްޔާތުގައި މެންޗެސްޓާގެ މެނޭޖްމަންޓާއެކު އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ އަދި އިނގިރޭސި ކޯޗު ބޮބީ ޗާލްޓަން އާއި ވާދަވެރި އާސެނަލްގެ ކޯޗު އާސެންވެންގާ އާއި އެރިކް ކެންޓޮނާ، ރުޑްވޭން ނިސްޓެލްރޯއި، އޮލެގަނާ ސޮލިޝަޔާ ވެސް ބައިވެރިވާނެ އެވެ. ވެންގާ ބުނީ މެންޗެސްޓާ އަށް ފާގަސަން ކޮށްދިން ވަފާތެރި ހިދުމަތްތަކަކީ ވަފާތެރި ވީކެންޑެއް ނޫން ކަމަށާއި ފާގަސަން ނެތްނަމަ އެއީ ފޫބައްދަންދަތި ބާގަނޑަކަށްވާނެ ކަމަށެވެ.
ސްކޮޓްލޭންޑަށް އުފަން އުމުރުން 70 އަހަރުގެ ފާގަސަން ވަނީ އޭނާގެ 26 އަހަރުގެ ކޯޗުކަމުގައި މެންޗެސްޓާ އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ޓީމަށް ހަދައިދީ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ.