20 Sep 2010, 11:02
ހދ. ކުމުންދޫގައި 2008 ވަނަ އަހަރު 11 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ގެއްލިފައި ވަނީ އޭނާގެ ބައްޕަ ކުމުންދޫ ބޮޑު ކަތީބާއި ދޮންމަމަގެ ފަރުވާ ކުޑަކަމުން ކަމަށް ޝަރީއަތުގައި ދެ މީހަކު ހެކިބަސް ދީފި އެވެ.
މިއަދު ޖިނާއީ ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަށް ތިން ހެއްކަކު ހާޒިރު ކުރި އެވެ. ތިން ހެކިންނަކީ ވެސް ކުމުންދޫ މީހުނެވެ. ޝަރީއަތުން އެ މީހުނާ ސުވާލު ކުރުމުން ދެ މީހަކު ބުނެފައި ވަނީ ގެއްލުނު ކުޑަކުއްޖާ އަބަދު އުޅެނީ ބޭރުގައި ކަމަށާއި މޫދާއި ވަލުތެރޭގައި އުޅޭ ކަމަށެވެ. އަދި އޭނާ ގެއްލިފައި ވަނީ ބައްޕަ އާއި ދޮންމަންމަގެ ފަރުވާކުޑަކަމުން ކަމަށެވެ. ދެން ހާޒިރު ކުރި މީހާ ބުނީ އޭނާ އަށް އެކަން ނޭނގޭ ކަމަށާއި އޭނާ ދިރިއުޅެނީ ވަރަށް ދުރު ހިސާބެއްގައި ކަމަށެވެ.
ކުޑަ ކުއްޖާގެ ބައްޕަ އާއި ދޮންމަންމަގެ ވަކީލު އަހުމަދު ނަޖީބު ވިދާޅުވީ އެދެ މީހުންގެ ހެކިބަހަކީ މި މައްސަލަ ސާބިތުވާވަރުގެ ހެކިބަސް ލިބުނު ހެކިބަހެއް ނޫން ކަމަށެވެ. މިއަދުގެ ޝަރީއަތުގައި ކުޑަކުއްޖާގެ ބައްޕަ އާއި ދޮންމަންމަ ވެސް ތިއްބެވެ. ނަމަވެސް އެމީހުން އެއްވެސް ވަރަކަށް ވާހަކަ ދައްކާފައެއް ނުވެ އެވެ.
ދެ އަހަރު ކުރިން ކުމުންދޫ ބޮޑު ކަތީބުގެ 11 އަހަރުގެ އަހުމަދު ނަބީލު ގެއްލުމާ ގުޅިގެން ދަރިފުޅަށް ދޭން ޖެހޭ އޯގާތެރިކަން ދީފައި ނުވާ ކަމަށް ބުނެ ކުޑަކުއްޖާގެ ބައްޕަ، ބޮޑު ކަތީބު އަލީ އަބްދުލްވާހިދާއި އޭނާގެ އަންހެނުން ހަލީމަތު އަބްދުލް ވާހިދުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ބޮޑު ކަތީބުގެ ދަރިފުޅު، އަދި ހަލީމަތުގެ ދޮންދަރިފުޅު، ނަބީލު އޯގަސްޓް 24، 2008ގައި ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ ނަބީލުގެ ބައްޕަ އާއި ދޮންމަންމަ، ނަބީލަށް ދޭން ޖެހޭ އަޅައިލުމާއި އޯގާތެރިކަން ނުދީ ނަބީލު އެކަހެރިކޮށް، އޭނާ އަށް ސަމާލުކަން ދޭން ޖެހޭ މިންވަރަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށް ބުނެ އެވެ. މި ދައުވާ ކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ 25 ވަނަ މާއްދާއާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ގެ (ހ)ގެ ދަށުންނެވެ.
ގެއްލުނު ފަހުން ހަބަރެއް ނުވެފައިވާ ނަބީލުގެ ބައްޕަ، ކުމުންދޫ ކަތީބު އެ ރަށު ވިލާރަތްލާގޭ އަލީ އަބްދުލްވާހިދު ތަހުގީގު ބަޔާނުގައި ބުނެފައި ވަނީ އެހެން މީހަކަށް ލިބިފައިވާ އޭނާގެ ދޮށީ ދަރިފުޅު ނަބީލު ހުންނަނީ އޭނާ އާއި ނަބީލުގެ ދޮންމަންމަ ގާތުގައި ކަމަށެވެ. އަދި ބުނެފައި ވަނީ ނަބީލަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރުމުގެ އިތުރުން ވާހަކަ ދައްކަން ވެސް ދަތި ކުއްޖެއް ކަމަށެވެ.
އޭނާ ބުނެފައި ވަނީ ނަބީލު ވަރަށް ގިނައިން ވަލަށާއި މޫދަށްދާ ކަމަށާއި އެ ގޮތަށް ނަބީލު ދާތީ އޭނާ ގެންގުޅެނީ ހާއްސަ ސަމާލުކަމެއްދީގެން ކަމަށާއި ނަބީލުގެ ދޮންމަންމަ ވެސް ނަބީލާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ.
އޭނާގެ ބާޔާނުގައި ބުނެފައި ވަނީ އޭނާ އަކީ ބޮޑު ކަތީބަށް ވުމުން ގިނަ ވަގުތު އޮފީހުގައި އުޅެންޖެހޭތީ އަބަދު ނަބީލު ގާތުގައި ނުހުރެވޭ ކަމަށާއި އޭނާ ސްކޫލަށް ނުފޮނުވަނީ އޭނާގެ އެއްޗެހި އެހެން ކުދިން ބޭނުން ކުރާތީ ނަބީލު ރުޅިއައިސް ކުދިންނަށް ހަމަލަދޭތީ ކަމަށެވެ.
އޭނާ ބުނެފައި ވަނީ ނަބީލު ގެއްލުނުކަން އެނގުނީ އޯގަސްޓް 24 ވަނަ ދުވަހު މެންދުރު ފަހު 2:00 ޖެހިއިރު ރަށުގެ ބަނދަރުގައި އުޅެފައި ގެއަށް އައިރު ނަބީލު ގޭގައި ނެތުމުން ކަމަށެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ 25 ވަނަ މާއްދާގައި ބުނަނީ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާނޭ ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ އެވެ. އަދި އެއްވެސް ކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ނުވަތަ އަނިޔާވެރި އަމަލެއްވެސް ހިންގައިގެން ނުވާނެ ކަމަށެވެ. ކުޑަކުއްޖަކާ މެދު އެއްވެސް މީހަކު މިފަދަ ކަމެއް ހިންގައިފިކަން އެނގިއްޖެ ނަމަ ނުވަތަ މިފަދަ ކަމަކާ މެދު ތުހުމަތު ވެއްޖެ ނަމަ ސަރުކާރުގެ ކަމާ ބެހޭ ފަރާތަކަށް ލަސްނުކޮށް އުފުލަން ވާނެ ކަމަށެވެ.