ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ ސަރުކާރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެންގުުމަށް އިޖާބަދެއްވާ ބޯޑާކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުގެ ގޮތުން މިރޭ އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ ޖީއެމްއާރު މައްސަލައިގެ ވާހަކަ ދައްކާއިރު ބޯޑާކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުންނާއި އަންނަ ކޮންމެ މީހެއްގެ އަތުން ކޮންމެ ފަހަރަކު އެއާޕޯޓު ޓެކްސްގެ ގޮތުގައި ދެ ޑޮލަރު ނަގާ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ. އޭސީސީން އެކަން ހުއްޓާލަން އެންގުމުންވެސް ސަރުކާރުން އެކަން ނުކުރައްވަނީ ހިތްވަރެއް ނެތިގެން ކަމަށްވެސް ޔާމިން ވިދާޅުވި އެވެ. އަދި ވިދާޅުވީ ދެ މިލިއަނެއްހާ ޑޮލަރު ހޭދަކޮށްގެން ގާއިމް ކުރެވެން އޮތް ބޯޑަރު ކޮންޓްރޯލް ސިސްޓަމަކަށް 50 މިލިއަން ޑޮލަރު ޚަރަދުކުރަން ނުޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ޖީއެމްއާރުގެ ވާހަކަ ދައްކާއިރު ކީއްވެތޯ އަޅުގަނޑުމެންނަށް ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލަ އުނދަގުލަކަށް ނުވެގެން މި އުޅެނީ. ކީއްވެގެންތޯ އެއާޕޯޓު ޓެކްސްގެ ގޮތުގައި ރާއްޖެއިން ފުރާ ކޮންމެ ފަހަރަކު އަންނަ ކޮންމެ ފަހަރަކު ކޮންމެ މީހަކު އަތުން ދެ ޑޮލަރު ނަގާ މައްސަލަ އުނދަގޫ ނުވެގެން މި އުޅެނީ. ކީއްވެގެންތޯ އޭސީސީން މި މަސައްކަތް ހުއްޓާލަން އެންގީމައި ސަރުކާރުގެ ހިތްވަރެއްނެތީ އެކަން ހުއްޓާލަން،" ޔާމިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 25 އަހަރަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި ނެކްސް ބިޒަށް ޓެކްސްގެ ބައެއް ދޭން ނުޖެހޭ ކަމަށާއި، މީގެ ކުރިން ނަގާ ޑިޕާޗާ ޓެކްސް ޚަރަދު ކުރަނީ ރާއްޖޭގެ ތަރައްްގީއަށް ކަމަށެވެ. އަދި މިހާރު އެ ފައިސާ ގެންދަނީ ރާއްޖެއިން ބޭރަށް ކަމަށްވެސް ޔާމިން ވިދާޅުވި އެެެވެ.