އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ ކުރިން މަޖިލީހުގައި ބަޖެޓާއި ގުޅޭގޮތުން ބަހުސް ކުރުމަށް ހުޅުވާލައި ފުރުސަތުގައި ކޮންމެ މެންބަރަކަށް 22 މިނެޓްގެ ވަގުތުކޮޅެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ނިންމައިފި އެވެ.

ބަޖެޓް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ. އަދި ބަޖެޓްގެ ބަހުސް މަޖިލީހުގައި ފަށާނީ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ.

ބަޖެޓްގެ ބަހުސްގައި މެންބަރުންނަށް ދޭނެ ވަގުތު ކަނޑައެޅުމަށް މިދިޔަ ބުދަ ދުވަހު ބޭއްވި އާންމު ކޮމެޓީގެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހު ނިންމާފައިވަނީ ބަޖެޓް މަޖިލީހަށް ހުށަހެޅުވުމަށްފަހު، މެންބަރުންނަށް ބަޖެޓާމެދު ބަހުސްކުރުމަށް ދެވޭ ފުރުސަތުގައި ކޮންމެ މެންބަރަކަށް 15 މިނެޓް އަދި ބަޖެޓް ރިޕޯޓްގެ ބަހުސްކުރުމަށް ދެވޭ ފުރުސަތުގައި ކޮންމެ މެންބަރަކަށް ހަތް މިނެޓްގެ ވަގުތެއް ދިނުމަށެވެ. އަދި ބަޖެޓްގެ ޖަލްސާތަކަށް އިތުރު ބަދަލު ގެންނަންޖެހޭނަމަ، އެބަދަލެއް ގެނައުމަށްވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެންމެ ފުރަތަމަ ބަޖެޓް ހުށަހެޅުމަށް މަޖިލީހުން ކަނޑައެޅީ މި މަހުގެ 26 ވަނަ ދުވަހެވެ. ނަމަވެސް އެ ދުވަހަށް ބަޖެޓް ނުނިމޭނެތީ ފިނޭންސް މިނިސްޓަރުގެ އެދުމުގެ މަތިން ބަޖެޓް ހުށަހެޅުން މި މަހުގެ 27އަށް ލަސްކުރި އެވެ.

މި މަހުގެ 27 ވަނަ ދުވަހު ބާއްވާ ޖަލްސާ އަށް ފިނޭންސް މިނިސްޓަރު ހާޒިރުވެ ވަޑައިގަތް މަޖިލީހުގެ ތަޅުމަށް ބަޖެޓްގެ ހުލާސާ ބަޔާނެއްދެއްވާނެ އެވެ. އެ ބަޔާނުގައި ރާއްޖޭގެ އިގްތިސޯދީ ހާލަތު ބަޔާން ކުރާނެ އެވެ.

ބަޖެޓްގެ ކުރިން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާ އެކު މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިހާރު ވަނީ ބައްދަލުކުރަން ނިންމައިފަ އެވެ.

މަޖިލީހުގެ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައި ވަނީ މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓް ބޮޑުނުކުރެވޭނެ ކަމަށާއި މި އަހަރަށް ވުރެ އަންނަ އަހަރު ދައުލަތުގެ އާމްދަނީ ވެސް ވަކި އިތުރުވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އަދި ބަޖެޓާ އެކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ހުށަހަޅާފައިވާ އިސްލާހުތައް މަޖިލީހަށް ފޮނުވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެ އިސްލާހުތަކުގެ ތެރޭގައި ރިސޯޓްތަކަށް މާރުކުރެވޭ ޑޮލަރުގެ އަދަދު ހަނިކުރުމާއި އިމްޕޯޓް ޑިއުޓީ އިއާދަކުރުން އަދި ޓޫރިޒަމް ޓެކްސްތައް ބޮޑުކުރުން ހިމެނެ އެވެ.