23 Nov 2012, 00:49
އައްޑޫގައި ކޭނަރީއެއް އަޅަން ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން ގއ. ކޫއްޑޫގައި ހަޅުތާލު ކުރަމުން ދިޔަ މުވައްޒަފުންގެ ތެރެއިން އެކަމުގައި އެންމެ އިސްކޮށް އުޅުނު 10 މުވައްޒަފުން މިއަދު ވަޒީފާއިން ވަކިކޮށްފި އެވެ.
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ މުހަންމަދު މުއްތޮލިބު ސަން އޮންލައިންއަށް މިރޭ ވިދާޅުވީ އެ ހަޅުތާލު މުވައްޒަފުން ފެށީ އައްޑޫގައި ކޭނަރީއެއް އަޅާތީ އެކަމާއި ހިތްހަމަ ނުޖެހިގެން ކަމަށާއި ނަމަވެސް އެ މައްސަލައިގައި ބޯޑުން ދެވަނަ ވިސްނުމަކަށް ދާން ނިންމި ނަމަވެސް މުވައްޒަފުން ހަޅުތާލު ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ސަބަބުން ކުންފުންޏަށް ގެއްލުންތަކެއް ލިބި ކުންފުނީގެ މަސައްކަތްތައް ހުއްޓިފައިވާތީ އެކަމުގެ އިސްކޮށް ހަރަކާތްތެރިވާ ކަމަށް ފާހަގަވި މުވައްޒަފުން ވަކިކުރަން ބޯޑުން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ބެލިން ހަވީރު 4:30 އާ ހަމައަށްވެސް އަލުން މަސައްކަތް ފަށައިގަނެވޭތޯ ނަމަވެސް އެ ހުރިހާ މަސައްކަތްވެސް ނާކާމިޔާބުވީމައި އެންމެ ފަހުން ބޯޑުން ނިންމީ އޮޕަރޭޝަނަށް ބުރޫއަރާ ކަމަށްވަންޏާ އެކަމަށް ޒީރޯ ޓޮލިރަންސެއް ނަގަން. އެގޮތުން 10 މުވައްޒަފަކު ވަކިކުރަން އަޅުގަނޑުމެންނަށް މަޖުބޫރުވީ. އެއީ ސީދާ ބޯޑުން ނިންމި ނިންމުމެއް،" މުއްތޮލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައިވަނީ އެކި ލެވަލްގެ މީހުން ކަމަށާއި އޭގެ ތެރޭގައި ސެކްޝަނެއްގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެއްވެސް ހިމެނޭ ކަމަށެވެ. އަދި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އެއްވެސް ޒާތީ ސަބަބެއް ނުހިމެނޭނެ ކަމަށާއި ސީދާ ކުންފުނީގެ އޮޕަރޭޝަން ހުއްޓުވާލަން މަސައްކަތް ކުރި މުވައްޒަފުން ވަކި ކުރީ ކަމަށް އޭނާ ބުންޏެވެ. އަދި މުވައްޒަފުން މިހާރު ހަޅުތާލު ކުރަން ޖެހޭނެ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެއްވެސް މުވައްޒިފަކު އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ކުރިކަމެއް ނޫން. މީގައި ވަކިކޮށްފައި ތިބޭނީ އޮޕަރޭޝަންތައް ހުއްޓުވުމުގައި އަމަލީގޮތުން އުޅުނު މީހުންނާއި އެހެން މުވައްޒަފުންނަށް ބިރުދައްކައިގެން މިކަމުގައި ބައިވެރި ކުރި މުވައްޒަފުން،" މުއްތޮލިބު ވިދާޅުވި އެވެ.
މިދިޔަ އާދިއްތަ ދުވަހުންފެށިގެން ކޫއްޑޫގެ މުވައްޒަގުންގެ ހަޅުތާލާ އެކު ކޫއްޑޫގެ މުޅި އޮޕަރޭޝަން ވަނީ ހުއްޓިފަ އެވެ. އޭގެ ތެރޭގައި އެ ރަށުގެ އެތެރޭގެ އޮޕަރޭޝަންތަކާއި ޖެޓީއަށް މަސްކިރުވުމުގެ އޮޕަރޭޝަންތައްވެސް ވަނީ ހުއްޓިފަ އެވެ.
ކޫއްޑޫގެ މުވައްޒަފުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ނަންނުޖެހުމަށް ޝަރުތުކޮށް ބުނީ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަކީ ކޫއްޑޫ މެނޭޖްމަންޓް ވަގުތުން އިސްތިއުފާދިނުމަށް ގޮވާލާ އަޑުއުފުލުމާއި ރަސްމީކޮށް އެ ޑިމާންޑްތައް ބޯޑަށް ހުށަހެޅި މުވައްޒަފުންތަކެއް ކަމަށެވެ.
"މުއްތޮލިބުގެ އިސްތިއުފާއަށް ގޮވައިގެން އަޅުގަނޑުމެންގެ 10 މީހުން ވަކިކޮށްލީ. އެގޮތަށް ވަތްކެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ހައްގުތަކެއްވެސް އޮންނާނެ،" މުވައްޒަފު ބުންޏެވެ.