22 Nov 2012, 23:17
މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ ކާމިޔާބު އެއް ކްލަބް ކަމަށްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން އަށް އިތުރު ތިންކުޅުންތެރިޔަކު މިރޭ ސޮއިކޮށްފި އެވެ.
މާޒިޔާގެ އޮފިޝަލަކު ސަން އޮންލައިނަށް ކަށަވަރުކޮށްދެއްވި ގޮތުގައި މިރޭ މާޒިޔާ އަށް ސޮއިކޮށްފައިވާ ތިން ކުޅުންތެރިންނަކީ، މާޒިޔާގެ ފޯވަޑަކަށް ކުޅުމަށް ފަހު މިދިޔަ ސީޒަންގައި ވީބީ އައްޑޫ އެފްސީ އަށް ކުޅުނު ޢަލީ ނާފިޢު (ކަޅޭ) އާއި ހުސްވި ސީޒަންގައި ވެލެންސިއާގެ ފަހަތް ބެލެހެއްޓި މޮޅު ޑިފެންޑަރު އަދި އެ ޓީމްގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ޢަލީ ޢިމްރާން (އިންމަ) އާއި އަދި ވީބީ އައްޑޫ އެފްސީގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ޙުސައިން ޝުޢައިބު އެވެ.
މާޒިޔާ ވަނީ މި އަހަރުގެ އެފްއޭކަޕް ތަށި އުފުލާލުމަށް ފަހު އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުޞަޠު ހޯދައިފަ އެވެ. އަދި ޓީމް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ހޯދަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިމަހުގެ 17ގައި މާޒިޔާ އިން ވަނީ، ވިކްޓަރީ ސްޕޯޓްސް ކްލަބާއި އަދި ޤައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ކުޅުންތެރިން ކަމަށްވާ، ޒުވާން ފޯވަޑް ޙަސަން އަދުހަމް (ސަޑޭ) އާއި، ވިކްޓަރީގެ ކެޕްޓަން ޝާފިޢު އަޙްމަދު (ޝާފީ) މާޒިޔާ އަށް ގެނެސްފަ އެވެ. މާޒިޔާ އިން ދަނީ އަދިވެސް އިތުރު ކުޅުންތެރިންތަކެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.