22 Nov 2012, 22:38
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލިޑަރުގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަކިކޮށްދިނުމަށް އެދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު އެ ޕާޓީގެ ލީޑަރަށް ސިޓީއެއް ފޮނުވައިފި އެވެ.
މޫސާ އަންވަރު މިއަދު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފޮނުވި ސިޓީގައި ޖާބިރު މާގާމުން ވަކި ކުރަން ޖެހޭ ކަމަށް އޭނާ އަށް ފެންނަ ސަބަބުތައް ވަނީ ބަޔާންކޮށްފަ އެވެ.
އެ ސިޓީގައި ބުނަނީ ޖުމްހޫރީ ޕާޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަަސަން މަނިކުގެ ވެރިކަމުގެ ކޯލިޝަންގައި ބައިވެރިވާ ޕާޓީއެއް ކަމަށް ވާއިރު ރައީސް ވަހީދުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދައި ވަރަށް ހުތުރު ބަހުން ރައީސް ވަހީދާ މެދު ޖާބިރު މުއާމަލާތް ކުރަމުން ގެންދާ ކަމަށެވެ. އަދި ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ޖާބިރު ހައްޔަރުކޮށް އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާތީ އެއީ އޭނާ އެ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.
ޕާޓީގެ އަސާސީ ގަަވާއިދު ބުނާ ގޮތުން އަސާސީ ގަވާއިދާއި ޕާޓީގެ ސިޔާސަތުތަކާއި އުސޫލުތަކާއި ޕާޓީގެ ގަަރާރުތަކާއި ނިންމުންތަކާ އެއްގޮތަށް އަަމަލުކުރުމަކީ ޕާޓީގެ މެންބަރުންގެ މައްޗަށް ލާޒިމުކަމެއް ކަމަށްވާ އިރު ޖާބިރު އެކަންކަމާއި ޚިލާފުވެފައިވާ ކަމަށް ވެސް މޫސާ އަންވަރުގެ ސިޓީގައިވެ އެވެ.
ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ހޮނޑައިދޫން އޭނާ ހައްޔަރު ކުރި ފަހުން ޖާބިރު ވަނީ ރައީސް ވަހީދަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އަދި ރައީސް ވަހީދު މަގާމާ ހަވާލުވެފައި ވަނީ ގާނޫނީ ހަމަތަކުގެ މަތީން ނޫން ކަމަށް ތަކުރާރުކޮށް މަޖިލީހުގެ ޖަލްސާތަކުގައި ޖާބިރު ވިދާޅުވެފައިވެ އެވެ.
ޖާބިރު ޖޭޕީގެ ނާއިބު ލީޑަރުކަމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޖާބިރަށް ގުޅުމުން ވިދާޅުވީ އެ މައްސަލާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ގުޅުމަށެވެ. އަދި ވިދާޅުވީ އެ މައްސަލާގައި އޭނާ ކޮމެންޓެއް ދެއްވަން ބޭނުންފުޅު ނޫން ކަމަށެވެ.