22 Nov 2012, 22:39
މާލޭގެ ދެ ނަމްބަރު ކުނި ކޮށި ފުރި، ދުވަހުން ދުވަހަށް އުކާލަންޖެހޭ ކުނި ނައްތާލުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި މާލޭގެ ދެ ނަމްބަރު ކުނިކޮއްޓަކީ ކާބޯތަކެތީން އުފެދޭ ކުނި އެޅުމަށް ހާއްސަކޮށްފައިވާ ތަނަކަށްވާއިރު އެކޮށި މިހާރު ހުރީ އެއްކޮށް ފުރިފައި ކަމަށާއި އަދި މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވެފައި އެގޮތަށް ކުނިކޮށި ހުސްނުކުރެވި ހުރުމުގެ ސަބަބުން މާހައުލުގައި ނުބައި ވަސްފެތުރި ސިއްހީ ގޮތުން ބަލިމަޑުކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށެވެ.
މާލޭގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމުގައި ބޮޑެތި ތަކަތަކާ ކުރިމަތިވަމުންދާ ކަމަށާއި އެގޮތުން މާލޭގެ ކުނި ތިލަފުއްޓަށް ގެންދިއުމަށް ބޭނުންކުރަމުން ދިޔަ ލޮރީތައް ހަލާކުވެ އެއަށް ބޭނުންވާ ޓަޔަރު ލިބުމުގައި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި ކުނި އުކުމަށް ބޭނުންކުރާ ލޯޑަރާއި އެކްސްކެވޭޓަރު ފަދަ ތަކެތި ވެސް ގިނަ އަހަރުތަކެއް ވެފައިވާތީ ހަލާކުވުން އަވަސްވެ، އެތަކެތި މަރާމާތުކޮށްގެން ވެސް މަސައްކަތް ކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މީގެއިތުރުން މާލޭގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންދިއުމަށް ބޭނުންކުރާ ދެ އުފުލީގެ ތެރެއިން އެއް އުފުލި ހަލާކުވެފައިވާތާ މިހާރު ވެސް މަސް ދުވަސް ވެފައިވާ ކަމަށާއި ކުނި ތިލަފުއްޓަށް ގެންގޮސް ނައްތާލުމުގައި ބޭނުންކުރަމުން ގެންދާ ވެހިކަލްތަކަކީ 25 އަހަރުވެފައިވާ ތަކެތި ކަމުގައިވާއިރު އެތަކެއްޗަކީ މަރާމާތުކޮށްގެން ވެސް ބޭނުންކުރެވޭނެ ހާލަތެއްގައި ހުރި އެއްޗެހި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކުނިއުކާލުމުގެ ކަންތައް ކުރުމުގައި ފައިސާގެ ދަތިކަން ހުރި ނަމަވެސް ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ބަޖެޓް ތަންދޭ މިންވަރަކުން ފައިސާ ދެމުންދާކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މީގެ ތިން މަސް ކުރިން ދުވާލަކު 58 ލޮރީގެ ކުނި ތިލަފުއްޓަށް ގެންދެވޭ ކަމާށާއި ނަމަވެސް މިހާރު ގެންދެވެނީ ދުވާލަކު 15 ވަރަކަށް ލޮރީގެ ކުނި ކަމަށެވެ. އަދި މާލޭން ގެންދާ ކުނި ތިލަފުށީގައި ކުނި އަންދާ ސައިޓަށް ގެންދިއުމުގައި ބޭނުންކުރާ ތިލަފުށީގެ މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުރުމުގެ ސަބަބުން ކުނި ބަރުކޮށްގެންދާ ލޮރީތަކުގައި ހުންނަ ޓަޔަރުތައް އަވަސް އަވަހަށް ފަޅައިގެންދާ ކަމަށާއި މިދިޔަ ހަފްތާ ތެރޭގައި ތިން ލޮރީގެ ދުނިގަނޑު ބިންދައިގެން ގޮސް، ދުވާލަކު 30 ނުވަތަ 40 ފުރޮޅުގެ ޓަޔަރު ހަން ދުވާލެއްގެ މައްޗަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް ވެސް އެކަންސިލުން ބުންޏެވެ.
ކުނީގެ މަސައްކަތްތައް ކުރުމަށް ދުވާލެއްގެ މައްޗަށް މަދުވެގެން 25 ލޮރީ ބޭނުންވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.