ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ހައްޔަރު ކުރުމަށް ފަހު ކޯޓު އަމުރަށް ދޫކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު މިރޭ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމުން އޭނާ ހަނުހުރުމުގެ ހައްގު ބޭނުން ކުރައްވައިފި އެވެ.

މިރޭ 7:30 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ފަހު 8:30 އެހާކަންހާއިރު ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހާމިދު ވިދާޅުވީ ފުލުހުން ކުރެއްވި ސުވާލުތަކަށް އެއްވެސް ޖަވާބެއް ނުދެއްވައި ހަނުހުރުމުގެ ހައްގު އޭނާ ބޭނުން ކުރެއްވީ ކަމަށެވެ.

ހދ. ހޮނޑައިދޫއަށް ފުލުހުން ދިޔުމުން ހާމިދާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބަނގުރާ އަޅާފައި ހުރި ކަމަށް ބެލެވޭ ތައްޓެއް އެއްލާލި މަންޒަރު ދުށް ހެކީން އެބަތިބި ކަމަށް ދައުލަތުން މިއަދު ވަނީ ބުނެފަ އެވެ.

ހާމިދާއި ޖާބިރުގެ މައްޗަށް ވެސް ދައުލަތުން ތުހުމަތު ކުރަނީ މަސްތުވާތަކެތި ގެންގުޅުމާ ބޭނުންކުރުމާ ބަނގުރާ ބޭނުންކުރުމާ ގެންގުޅުމުގެ ތުހުމަތެވެ.

ހާމިދު މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވާއިރު ބަނގުރާ ބުއިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ވެސް ވަނީ ޗިޓް ފޮނުވާފަ އެވެ.