22 Nov 2012, 20:24
ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސް މިހާތަނަށް ހަމަޖައްސާފައި ނުވާތީ އެކަން ސާފުކުރުމަށް ޖުވެނައިލް ކޯޓުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ބައްދަލުކުރުމަށް އެ ކޯޓުން ފޮނުވި ސިޓީ ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށްފި އެވެ.
ޖުވެނައިލް ކޯޓުގެ ސިޓީ ބާތިލްކުރުމަށް ސުޕްރީމް ކޯޓުން މިރޭ ނެރުނު މެންޑާމަސް އަމުރުގައި ބުނެފައިވަނީ ޢަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާއަށް ބޭނުންވާ އެންމެހައި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްޢޫލިއްޔަތެއްކަމަށެވެ. އަދި ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި، ފަނޑިޔާރުންގެ ޢާއިލާއަށް އިންޝޫރަންސްގެ ޚިދުމަތް އެއް ހަމައަކުން ލިބިދިނުމަށްޓަކައި، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަކީ ޝަރުޢީ ދާއިރާގެ އެންމެހައި އިދާރީ ކަންތައްތައް ބަލަހައްޓާ، ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
"ރައްޔިތުން މަޖިލީހުގެ ރައީސް އެކޯޓަށް ހާޒިރުވުމަށް އެދި ފޮނުވާފައިވާ ސިޓީގައި ދަންނަވާފައިވާ ދެންނެވުންތަކަކީ ޖުވެނައިލް ކޯޓުން އަދާކުރަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތުތަކުގެ ބޭރުން ދަންނަވާފައިވާ ދެންނެވުންތަކެއް ކަމަށްވާތީ އެ ދެންނެވުންތަކަކީ ބާތިލް ދެންނެވުމެއް ކަމަށް ކަނޑައަޅައިފީމެވެ،" ސްޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
ޖުވެނައިލް ކޯޓަށް މޝްވަރާއަށް ވަޑައިގަތުމަށް ޝާހިދަށް ދަންނަވާފައި ވަނީ މިއަދު މެންދުރު 1:30 އަށް އެ ކޯޓަށް ވަޑައިގަތުމަށެވެ. ނަމަވެސް ޝާހިދު އެ ކޯޓަށް ވަޑައިގެންފައެއްނުވެ އެވެ.
ކޯޓަށް ވަޑައިނުގެން ސަބަބު ބަޔާން ކުރައްވާ ޝާހިދު އެ ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފަޑިޔާރުންނަށް މެޑިކަލް ސްކީމް ހަމަޖައްސަދިނުމަށް މަސައްކަތް ކުރުމަކީ ޖުވަނައިލް ކޯޓުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން އެ ކޯޓާ މުއާމަލާތް ކުރަން ޖެހޭނެ ކަމަށް ނުފެންނާތީ އެ މަޝްވަރާތަކަށް ވަޑައިގަނެވެން ނެތް ކަމަށެވެ.
ޖުވެނައިލް ކޯޓުގައި ތިއްބަވަނީ އެންމެ ދެ ގާޒީންނެވެ. އެއީ ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ނައީމެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކޯޓަށް އިސް ގާޒީ އަކު ހަމަޖައްސާފައި ނުވާތީ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ މުހައްމަދު ނައީމެވެ.