20 Sep 2010, 10:48
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޗާޓުގެ އެތެރެ އަށް ވަދެވަޑައިގަތުމުން ނޫނީ ސަރުކާރާ އެކު މަޝްވަރާތައް ނުކުރުމަށް ޑީއާރްޕީގެ ލީޑަޝިޕްގެ މައްޗަށް ލާޒިމްކުރުމަށް ކައުންސިލް މެންބަރުންތަކެއް ހުށަހަޅައިފައިވާ ގަރާރު، އެޖެންޑާގައި ނުހިމަނައި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މާދަމާ މެންދުރު 2:30 ގައި ބޭއްވުމަށް ހަމަޖައްސައި، އެ ބައްދަލުވުމަށް ދައުވަތު ދެއްވައި، ޕާޓީގެ އަމީން އާއްމު އަބްދުއްރަޝީދު ނާފިޒު މެންބަރުންނަށް ފޮނުއްވާފައިވާ އެސްއެމްއެއްގައި ވާގޮތުން މާދަމާގެ ބައްދަލުވުމަށް އެޖެންޑާކޮށްފައި ވަނީ، ރިޔާސަތުން ހުށަހަޅުއްވާ މައްސަލައިގެ އިތުރުން ޓީވީއެމް (އެމްއެންބީސީވަން)ގެ ޕްރޮގްރާމްތަކުގައި ޑީއާރުޕީން ބައިވެރިވުމާ މެދު ގޮތެއް ނިންމުމުގެ މައްސަލަ އެކަންޏެވެ.
މި މައްސަލައާ ބެހޭ ގޮތުން އެ ގަރާރު ހުށަހެޅުއްވި ދެ ނައިބު ލީޑަރުންގެ ތެރެއިން އުމަރު ނަސީރު ވިދާޅުވީ، އެ މައްސަލަ އަކީ އެޖެންޑާ ކުރެވެން ޖެހޭނެ މައްސަލައެއް ކަމަށެވެ. ނަމަވެސް އެ މައްސަލަ އެޖެންޑާކޮށްފައި ނުވަނީ ކީއްވެގެންކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ކައުންސިލް ބައްދަލުވުމުގައި އެޖެންޑާގައި ހިމަނާފައިވާ އައިޓަމްތަކުގެ އިތުރުން މެންބަރަކު ކަމެއް ބޭނުންވެއްޖެ ނަމަ އެކަމެއް ހުށަހެޅުމުގެ ފުރުސަތު އެޖެންޑާގައިވާ ކަންތައްތަކަށް ފަހު އޮންނަ ކަމަށާއި، އެ ފުރުސަތުގައި އެ މައްސަލައާ މެދު މާދަމާގެ ބައްދަލުވުމުގައި ޕާޓީގެ ލީޑަރާ އެކު ވާހަކަ ދައްކަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އެއަށް ފަހު މައްސަލައިގެ މުހުލަތު ހަމަނުވަނީސް އެ މައްސަލަ ކައުންސިލަށް ގެންނަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ކުރިން ވިދާޅުވެފައި ވަނީ މި މައްސަލަ ކައުންސިލް ބައްދަލުވުމަށް އެޖެންޑާ ނުކޮށްފި ނަމަ، މައްސަލަ އެޖެންޑާކުރުމަށް މަޖުބޫރުވާ ގޮތަށް، ކައުންސިލް ގަވާއިދުގައިވާ ގޮތުގެ މަތިން ކައުންސިލް ހަ މެންބަރުންގެ ސޮޔާ އެކު އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. އެ ކަމާ ބެހޭ ގޮތުން ޕާޓީގެ އަމީން އާއްމު އަބްދުއްރަޝީދު ނާފިޒުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ފަނަރަ ކަމެއް ފާހަގަކޮށް، ޑީއާރުޕީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ، ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އުމަރު ނަސީރުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފު ސޮއިކުރައްވައި ހުށަހަޅުއްވައިފައިވާ ގަރާރުގައި ވަނީ، ސަރުކާރުން ޣައިރު ގާނޫނީ ކަންތައްތައް ކުރަމުންދަނިކޮށް ސަރުކާރާ އެކު ޑީއާރުޕީން ވާހަކަ ދައްކައި މަޝްވަރާތައް ބޭއްވުމަކީ އެ އަމަލުތަކަށް ލިބޭ ހިތްވަރަކަށްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ ނުކުޅެދި ގޮތް ހުސްވެއްޖެ ކަމަށް އެ މަނިކުފާނަށް އިހުސާސްކުރެއްވިއްޖެ ނަމަ، ހުދުމުހުތާރު އަމަލުތައް އިތުރުކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.