މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފ. އަތޮޅުގެ ފަޅުރަށަކުން ހޮވި މާވަހަރުގެ ދެބައި ކުޅަ އެއްބައި ދައުލަތަށް ދިނުމަށްފަހު ބާކީ ބައި މާވަހަރު ހޮވި ހަތަރު މީހުންނަށް ބެހުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނަނީ އެ މާވަހަރުގެ ބަރުދަނާއި މެދު ސުވާލު އުފެދިފައި ވާތީ އޭގެ ބަރުދަން ބަލުމަށް ފަހު ކޯޓަށް އެންގުމަށް ފިނޭސް މިނިސްޓްރީ އަށް އެންގި ނަމަވެސް އެކަން އެ މިނިސްޓްރީން ކޮށްފައި ނުވާ ކަމަށެވެ.

ބައެއް މީހުން ބުނާގޮތުގައި އެ މާވަހަރަކީ 43 ކިލޯގެ ހުދަންބަރު މާވަހަރެކެވެ. އަނެއްބައި މީހުން ބުނާގޮތުގައި އޭގައި ހުރީ 25 ކިލޯއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފ. ހިމިތި ކިޔާ ފަޅުރަށުގެ ތުނޑީކޮޅުން އެ މާވަހަރު ފެނިފައި ވަނީ ފ. ނިލަންދޫ އެދުރުގޭ އަބްދުލްގާދިރު މުހައްމަދާއި އެރަށު ޝާދީވިލާ އަހުމަދު ޝިޔާމާއި އެއަތޮޅު ބިލެތްދޫ ބަގީޗާގޭ ތޯހާ ނަޝީދުގެ އިތުރުން އެރަށު ޖަނަވަރީގޭ އަޚުތަރު ޔޫނުސް އަށެވެ.

މާވަހަރާއި މެދު އެ މީހުންގެ މެދުގައި ޚިޔާލު ތަފާތުވެގެން ކޯޓަށް ހުށަހެޅި އެ މައްސަލައިގައި މާވަހަރު މިލްކުވެގެން ވަނީ އެ ހަތަރު މީހުންނަށް ކަމަށް ސިވިލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފަ އެވެ. އަދި އެ މާވަހަރު ހޮވި ފަޅުރަށަކީ އެއްވެސް މީހަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށަކަށް ނުވާތީ އެ މާވަހަރުގެ ދެބައިކުޅަ އެއްބައި މިލްކުވެގެންވަނީ ދައުލަތަށް ކަމަށާއި ބާކީ އޮތްބައި މިލްކުވެގެން ވަނީ މާވަހަރު ހޮވި ހަތަރު މީހުންނަށް ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ.

މާވަހަރާއި މެދު ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާތީ ޝަރީއަތް ނިމެންދެން ކޯޓު އަމުރާއި އެކު މާވަހަރު އޮތީ ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.