ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދައިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ދެ މެމްބަރުނަށް ޗިޓް ފޮނުވާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ހދ. ހޮޑައިދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރި ކަމުގެ ތުހުމަތުގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ކަމަށެވެ.

އެ މައްސަލައާ ގުޅިިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެ ދެ މެމްބަރުންނަށް ވެސް މިހާރު ޗިޓް ފޮނުވާފައިވާ ކަމަށާއި ހާމިދު ހާޒިރުކުރުމަށް ޗިޓް ފޮނުވާފައި ވަނީ މިރޭ 7:30 އަށް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި ޖާބިރު ހާޒިރު ކުރުމަށް ޗިޓް ފޮނުވާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 އަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ހާމިދަށް ފުލުހުންގެ އިދާރާ އިން ފޮނުވި ޗިޓާއި އެ މެމްބަރުގެ އާއިލާ އިން ހަވާލުވެފައިވާ ކަމަށާއި ޖާބިރުގެ ޗިޓާ ހަވާލުވެފައި ވަނީ ހުދު ޖާބިރު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ހޮޑައިދޫގެ މައްސަލައާ ގުޅިގެން ޖާބިރާއި ހާމިދު ދޫކޮށްލުމަށް ކުޅުދުއްފުށީ ކޯޓުން ކުރި ހުކުމް ހައިކޯޓުގައި ދައުލަތުގެ ފަރާތުން ވަނީ އިިސްތިއުނާކޮށްފަ އެވެ. އަދި ކުޅުދުއްފުށީ ކޯޓުގެ ހުކުމް ބާތިލްކޮށް އެ ދެ މެމްބަރުން ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ދައުލަތުގެ ފަރާތުން ވަނީ އެދިފަ އެވެ.