ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި އޭއެފްސީ "ސީ" ކޯޗިންގް ސެޓްފިކެޓް ކޯސް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

މި މަހު 8-21 އަށް، ދެ ހަފުތާ އަށް ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ހިންގި ކޯހުގައި ބައިވެރިވި 30 މީހަކު ސެޓްފިކެޓް ހާސިލުކުރި އެވެ. އެ ކޯހުގެ ބައިވެރިންގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފައިވާ ބައެއް ކުޅުންތެރިންނާއި އަދި މިހާރު ވެސް ކުޅެމުން ގެންދާ ނުވަ ކުޅުންތެރިން ހިމެނެ އެވެ. އެއީ، ގޯލްކީޕަރު އިމްރާން މުޙައްމަދު، ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ، ސޮބާހް މުޙައްމަދު، މުޙައްމަދު ޙުސައިން، އާދަމް ފަޒީހު، ނާފިއު މުޙައްމަދު، ސަޢުދުﷲ ކަމާލު، އަބްދުﷲ ޙަމީދުގެ އިތުރުން ވީބީގެ ކުރީގެ ގޯލްކީޕަރު މުޙައްމަދު ޝިނާން އެވެ.

އެ ކޯހުގެ އިންސްޓްރަކްޓަސް އިންގެ ގޮތުގައި ކިޔަވައިދިނީ، މި އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދިވެހި ލީގާއި ޤައުމީ މުބާރާތް ކާމިޔާބުކޮށްދިން ހުނަރުވެރި ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) އާއި ކްލަބް އީގަލްސްގެ ކޯޗް އިޙްސާން ޢަބްދުލް ޣަނީ (ސާންތީ)ގެ އިތުރުން، އެސިސްޓެންޓް އިންސްޓްރަކްޓަރެއްގެ ގޮތުގައި އެފްއޭއެމްގެ ކޯޗް އެޑިޔުކޭޝަން ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓް އަދި ބީޖީ ސްޕޯޓްސްގެ ކޯޗް މުޙައްމަދު ޝާޒުލީ އެވެ.

މިއަދު ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، ފުޓްބޯޅައިގެ ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި މިހާރުގެ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޮލިމްޕިކް ކޮމެޓީގެ ރައީސް އިބްރާހީމް އިސްމާއީލް އެވެ.

އޭނާ ވިދާޅުވީ ދިވެހި ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށް ޓަކައި މިއަދު މި ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލު ކުރި ފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުން އަންނަ ފުޓްބޯޅަ އަށް ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ފުޓްބޯޅަ ދަސްކޮށް ދިނުމުގައި މިއަދު މި ކޯސް ފުރިހަމަ ކުރި ބައިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކި، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އައްސަދު ޢަބްދުލް ޣަނީ ބުނީ، "ފުޓްބޯޅައަކީ ވަރަށް ރީތި ގޭމެއް ކަމަށާއި މިގޭމް ކުޅޭ ކުޅުންތެރިންނަށް ކުޅިވަރުގެ ރީތި އަޚްލާޤާއި ނަމޫނާ ދައްކަން ތިބި ބަޔަކީ އަޅުގަނޑުމެން ކޯޗުން" ކަމަށެވެ.

އެފްއޭއެމްގެ ކޯޗް އެޑިޔުކޭޝަން ޑިޕާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމަންޓް މުޙައްމަދު ޝާޒުލީ ފާހަގަ ކުރެއްވި ގޮތުގައި މި ކޯޗިންގް ކޯހަކީ އެފްއޭއެމް އިން މިހާތަނަށް ހިންގި މިފަދަ ކޯސްތަކުގެ ތެރެއިން އެންމެ ކާމިޔާބު، އަދި އެންމެ ގިނަ ބަޔަކު ބައިވެރިވެ ކޯސް ފުރިހަމަކުރި ކޯސް ކަމަށެވެ.