22 Nov 2012, 16:27
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ލޯނުގެ ރަހުނުގެ ގޮތުގައި ބަހައްޓާފައި ހުރި ތަކެތި ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލް އަށް ދީފި އެވެ.
އެ ލޯނުތަކަށް ގެރެންޓީ ދީފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒާއި މ. ރަފީގުގޭ، އަހުމަދު ރަޝީދު އާއި ރީތި ބީޗް ޕްރައިވެޓް ލިމިޓެޑެވެ.
ފުނައްޑޫގެ ނަމުގައި ނަގާފައިވާ ފަސް ލޯނުގެ އަދަދު 117 މިލިއަން ރުފިޔާ އަށް އަރާ އިރު މިއަދާ ހަމަ އަށް އެ ފައިސާ ދައްކާފައި ނުވާތީ އިންޓަރެސްޓާ އެކު ލޯނުގެ އަދަދު ވަނީ 206 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
ސިވިލް ކޯޓުގެ އެ ހުުކުމުގައި، ރަހުނު ގޮތުގައި ބޭންކަށް ދީފައިވާ ތަކެތި 15 ދުވަސް ތެރޭގައި ބީއެމްއެލާ ހަވާލު ކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެެ ލޯނުތަކަށް ރަހުނު ކޮށްފައި ވަނީ ތ. ފުނައްޑޫގައިވާ ހުރިހާ އިމާރާތްތަކާއި ހުރިހާ އިންވެސްޓްމަންޓްތަކާއި "މަޑިވަރު" ތިން ސަފާރީގެ އިތުރުން ރީތި ބީޗް ރިސޯޓެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ ފެބްރުއަރީ މަހު 7 ވަނަ ދުވަހު އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާ އިރު ޝަރީއަތުގެ މަޖިލީހުގައި ބީއެމްލްގެ ވަކީލު ވިދާާޅުވެފައި ވަނީ އެ ހުކުމާ އެއްގޮތަށް އެއްވެސް މިންވަރަކަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ.
ހުކުމަށް ފަހު ވެސް އެއްވެސް ފައިސާއެއް ދައްކާފައިނުވާ ކަމަށް އިއުތިރާފް ވަމުން ފުނައްޑޫގެ ފަރާތުން ވަކާލާތު ކުރެއްވި ގާނޫނީ ވަކީލު ވިދާޅުވީ ލޯނު ދެއްްކުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ލޯނު ދެއްކެންދެން އިތުރު ފިޔަވަޅެއް ނޭޅުމަށެވެ. އެހެން ނަމަވެސް ގާޒީ އަލީ ރަޝީދު ވިދާޅުވީ އެ މައްސަލައިގައި ފައިސާ ދެއްކުމުގެ މުއްދަތު ދެވިފައިވާ ކަމަށާއި ރަހުނުކޮށްފައިވާ ތަކެތި ވިއްކާލުމަށް ބީއެމްއެލް އަށް ހުއްދަ ދޭން ޖެހޭ ކަމަށެވެ.
ގާޒީ ވިދާޅުވީ އެ ލޯނުތަކަށް ގެރެންޓީ ދީފައިވާ ފަރާތާ މެދު ވަކި ހުކުމެއް ނާންނަނީ ލޯނާ އެކު ރަހުނު ދީފައިވާތީ ކަމަށެވެ. ނަމަވެސް ރަހުނު ދީފައި ނޯންނަ ލޯނުތަކުގައި ލޯނު ނެގި ފަރާތުން ޖޫރިމަނާ ކުރުން ނުވަތަ ގޭގެ ބަންދުކުރުން ފަދަ ހުކުމެއް އަންނާނެ ކަމަށް ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.
މިއަދު ސިވިލް ހުކުމް ކުރި މައްސަލައިގެ ޝަރީއަތްތައް މީގެ ކުރިން އެތައް ފަހަރަކު ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް ދައުވާ ލިބޭ ފަރާތްތަކުން ކޯޓަށް ހާޒިރު ނުވެގެން އެ ޝަރީއަތްތައް ވަނީ ކެންސަލް ކޮށްފައި ކަން ގާޒީ ފާހަގަ ކުރައްވި އެވެ. އަދި މިއަދުގެ ޝާރީއަތަށް ވެސް މައްސަލަ ރައްދުވާ ފަރާތަކުން ހާޒިރު ވެފައިވާ ނުވާ އިރު މައްސަލަ ރައްދުވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒް ކޯޓަށް ހާޒިރު ނުވެގެން އެފަރާތްތަތައް އުޅޭ ގޭގައި ރަތް ޗިޓް ހަރުކޮށްފައިވެ އެވެ.
އަދި ރަތް ޗިޓް ހަރުކޮށްގެން ވެސް އެ ފަރާތްތަކުން ކޯޓަށް ހާޒިރު ނުވުމުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުންގެ މައްޗަށް ކޯޓުން އަމުރު ނެރެފައިވާ އެ ފަރާތްތަކުގެ ފާސްޕޯޓް ހިފައްޓާފައިވާ އެކައުންޓްތައް ވެސް ފްރީޒް ކޮށްފައިވެ އެވެ.
ފުނައްޑޫ އިން ނަގާފައިވާ ފަސް ލޯނަކަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ އިރު އެ ކޯޓުން ވެސް އެ ކޯޓަށް ތާއީދުކޮށްފައިވެ އެވެ.