22 Nov 2012, 15:28
ޖުވެނައިލް ކޯޓުގެ ފަނޑިޔާރުނަށް ހެލްތު އިންޝުއަރެންސް މިހާތަނަށް ހަމަޖައްސާފައި ނުވާތީ އެކަމާބެހޭ މަޝްވަރާ ބައްދަލުވުމަކަށް ކޯޓަށް ވަޑައިގަތުމަށް އެދުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެކަމާ ދެކޮޅު ހައްދަވައިފި ކަމަށް އެ ކޯޓުން ބުނެފި އެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޯޓުގެ ފަނޑިޔާރުންނަށް މި އަހަރުގެ މިހާތަނަށް ހެލްތު އިންޝުއަރެންސް ހަމަޖެހިފައި ނުވާތީ އެކަމާ ގުޅިގެން އެ ކޯޓުން ބާއްވާ މަޝްވަރާ ބައްދަލުވުމަކަށް މިއަދު މެންދުރު 1:00 އަށް ހާޒިރުވެވަޑައިގަތުމަށް އެ ކޯޓުން މިއަދު ޝާހިދަށް ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް އެގޮތަށް ކޯޓަށް ހާޒިރުވާން ނުޖެހޭނެ ކަމަށް ވިދާޅުވެ މިއަދު މަޖިލީހުގެ އިދާރާއިން އެ ކޯޓަށް ސިޓީއެއް ފޮނުވާފައި ވާކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
"މި އަހަރުގެ މިހާތަނަށް ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސް ހަމަޖެހިފައި ނުވާތީ މަޖިލީހުގެ ރައީސާއި ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުންވާކަމަށް ބަޔާންކޮށް މިއަދު 1:00 އަށް ކޯޓަށް ވަޑައިގެންދެއްވުން އެދި ކޯޓުން ސިޓީއެއް ފޮނުވީ. ނަމަވެސް ހާޒިރިވެވަޑައިގެންފަ އެއް ނުވޭ. އެބޭފުޅުން އެގޮތަށް ކޯޓަށް ހާޒިރުވެވަޑައި ގަންނަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ ސިޓީއަކުން ޖަވާބު ދެއްވާފައި ވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން އެ ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފަޑިޔާރުންނަށް މެޑިކަލް ސްކީމް ހަމަޖައްސަދިނުމަށް މަސައްކަތް ކުރުމަކީ ޖުވަނައިލް ކޯޓުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން އެ ކޯޓާ މުއާމަލާތް ކުރަން ޖެހޭނެ ކަމަށް ނުފެންނަ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.
ޖުވެނައިލް ކޯޓުގައި ތިއްބަވަނީ އެންމެ ދެ ގާޒީންނެވެ. އެއީ ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ނައީމެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކޯޓަށް އިސް ގާޒީ އަކު ހަމަޖައްސާފައި ނުވާތީ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ މުހައްމަދު ނައީމެވެ.
ޝާހިދު ޖުވަނައިލް ކޯޓާ އެކު މަޝްވަރާއަށް ވަޑައިގަންނަވަން ދެކޮޅު ހެއްދެވީއިރު ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުޅުމާލެ ކޯޓުގެ ފަޑިޔާރުން ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް އެބޭފުޅުން ހާޒިރުވެ ވަޑައިގެންފައެއްނުވެ އެވެ. އަދި ހުޅުމާލޭ ކޯޓުގެ މައްސަލައިގައި ޖުޑީޝިއަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރުކުރުމުން އެ ކޮމެޓީއަށް ޖަވާބުދެއްވާފައެއްނުވެ އެވެ.