22 Nov 2012, 15:18
ހދ. ހޮނޑައިދޫއަށް ފުލުހުން ދިޔުމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދައިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބަނގުރާ އަޅާފައި ހުރި ކަމަށް ބެލެވޭ ތައްޓެއް އެއްލާލި މަންޒަރު ދުށް ހެކީން އެބަތިބި ކަމަށް ދައުލަތުން ބުނެފި އެވެ.
ދައުލަތުން އެހެން ބުނީ ބަނގުރާ ބުއިކަމުގެ ތުހުމަތުގައި ހާމިދާއި ޖާބިރުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެ ދެ ބޭފުޅުން ބަންދުގައި ބަހައްޓާނެ ތަނެއް ނެތްކަމަށް ނިންމި ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.
ޖާބިރު ބަންދުން ދޫކޮށްލުމަށް ކުރި އަމުރު އިސްތިއުނާފު ކުރުމަށް ބޭއްވި އަޑުއެހުން އޮތީ މިއަދު 11:30 ގަ އެވެ. އަދި ހާމިދު ބަންދުން ދޫކޮށްލުމަށް ކުރި އަމުރު އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެހުން އޮތީ މިއަދު 1:45 ގަ އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ އާއިޝަތު ހަނާ ވަހީދު ވިދާޅުވީ އެ ދެބޭފުޅުންގެ މައްޗަށް ވެސް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ބޭނުންކުރުމާ ގެންގުޅުމާ އަދި ބަނގުރާ ބުއިމާއި ގެންގުޅުމުގެ ތުހުމަތު ކަމަށެވެ.
ދައުލަތުގެ ވަކީލާ ހަނާ ވިދާޅުވީ ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޮނޑައިދޫން ފެނިފައިވާއިރު އެރަށަކީ ބަނގުރާ ގެންގުޅުމުގެ ހުއްދަ އިކިނޮމިކް މިނިސްޓްރީން ދީފައިވާ ރަށެއް ނޫންކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އަކީ ގާނޫނު އަސާސީއާ ޚިލާފު މާއްދާ އަކަށް ވާތީ އެމާއްދާ ބާތިލްކޮށްދެއްވައި ޖާބިރާއި ހާމިދު ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ހަނާ ވަނީ އެދިވަޑައިގެންފަ އެވެ.
ދައުލަތުގެ ވަކީލާ ހަނާ ވިދާޅުވީ ޖާބިރާއި ހާމިދު ހައްޔަރު ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކުޅުދުއްފުށީ ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ އުސޫލުތަކަށް ރިއާޔަތް ނުކޮށް ނެރެފައިވާ އަމުރެއް ކަމަށެވެ.
ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި މީހެއްގެ ސިޔާސީ ނުވަތަ އެނޫން ވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރި ކަމަށް އަދި އެނޫން ވެސް ކަމަކަށް ބަލައި ތަފާތު ނުކުރުމަށް ބުނެފައިވާ އިރު އަދި ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއްކަމަށް ބުނެފައިވާ އިރު މަގާމަށް ރިއާޔަތްކޮށް ވަކިބަޔަކު އިސްތިސްނާ ކުރެވިދާނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށް ވެސް ހަނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމާއިރު ގާނޫނު އަސާސީގެ 49 ވަނަ މާއްދާއަށް ފަނޑިޔާރު ރިއާޔަތްކުރަން ޖެހޭ އިރު ޖާބިރާއި ހާމިދު ހައްޔަރުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައި ވަނީ އެ މާއްދާގެ ބޭރުން އެކުލަވާލާފައިވާ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އަދި މަޖިލީހަށް ލިބިގެން ވަނީ ހަމައެކަނި މަޖިލީހުގެ މެންބަރުންގެ ސުލޫކާއި ހާޒިރީއާ އަދި އިދާރީ ކަންކަމާ ބެހޭ ގަވާއިދު ހެދުމުގެ ބާރު ކަމަށްވާ އިރު މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެ ގަވާއިދުގައި ހިމަނާފައިވާ 202 ވަނަ މާއްދާގެ (ރ) އަކީ މަޖިލީހުގެ އިމުން ބޭރުން ގަވާއިދުގައި ހިމަނާފައިވާ މާއްދާ އެއްކަމަށް ވެސް ހަނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކޯޓުގައި އޭރު ފުލުހުން އެދިފައި ވަނީ މި މަހުގެ 16 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ޖާބިރު ހައްޔަރުކޮށްފައި ބެހެއްޓުމުގެ އަމުރަކަށެވެ. އަދި އެގޮތަށް އެ ކޯޓުން ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، ހެއްކާއި ގަރީނާ ހުރީ ފުލުހުންގެ އަތުގައި އެކަނި ކަމަށްވާ އިރު ޖާބިރަށް ފުލުހުންގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ފެންނަކަމަށް ބުނެ އެވެ.
ހައިކޯޓުގައި މިއަދު ބޭއްވި ހާމިދުގެ އަޑުއެހުން ނިންމަވާލެއްވީ ގާނޫނީ ވަކީލަކު އައްޔަން ކުރަން ހާމިދަށް ފުރުސަތު ދިނުމަށް ފަހު އެވެ. އަދި އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފަ އެވެ.