ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މާފަންނު ގެއެއްގެ ތެރެއިން ފުލުހުން އަތުލައިގެންފި އެވެ.


ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިސްވެރިޔާ، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއެކު 1.6 ކިލޯ ހުރި ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.


ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ ގެއަށް ގޮސް ބެލިއިރު، މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓައި ފެނުނީ އެ ގޭގެ "އޯޕަން" އޭރިއާއެއްގެ ތެރެއިންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް އެއީ ކޮން ގެއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.


ޖިނާހު ވިދާޅުވި ގޮތުގައި، އެ މަސްތުވާތަކެތި ވަނީ ފުރަތަމަ ހެދި ޓެސްޓުތަކުގައި "އޯޕިއޭޓްސް" އަށް ޕޮޒިޓިވްވެފަ އެވެ. އެއީ މިފަހުން ރާއްޖެއިން ފެނިފައިނުވާ، ހެރޮއިންގެ ވަރަށް ނުރައްކާތެރި ބާވަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެ ތަކެތި ފެނުނު ގޭގައި ދިރިއުޅޭ މީހުންނާ އެތަކެއްޗާ މާބޮޑު ގުޅުމެއް ވާކަމަށް އެނގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާތަނަށް ގަބޫލުކުރެވޭ ގޮތުގައި، އެ ތަކެތި ރައްކާކޮށްފައި ހުރީ "ކަމާ ނުބެހޭ ތަނެއްގައި" ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.


ފާއިތުވި މަސް ދުވަހު ރާއްޖޭގެ މަސްތުވާތަކެއްޗާ ގުޅޭ ބައެއް ތަފާސްހިސާބުތައް ވެސް ފުލުހުން މިއަދު އާއްމުކުރި އެވެ. އެގޮތުން މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޖުމްލަ 2.5 މިލިއަން ރުފިޔާގެ މަގުމަގަތީ އަގު ހުރި މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މަސްތުވާތަކެތި ވިޔަފާރީގެ މައްސަލަތަކެއްގައި ތުހުމަތުކުރެވޭ 40 މީހަކު އެ މުއްދަތުގެތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށާއި 50 އަށް ވުރެ ގިނަ ބުލެޓް ސައިޒުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.


ފާއިތުވި މަސް ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ 86 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ތަހުގީގު ނިންމުމަށްފަހު 120 މައްސަލައެއް ޕީޖީ އޮފީހަށް މިހާތަނަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.