22 Nov 2012, 13:21
ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ދޫކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރުމުގެ އަމުރަކަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެ އެވެ.
ދައުލަތުން އެގޮތަށް އެދިފައި ވަނީ ކުޅުދުއްފުށީ ކޯޓުން ޖާބިރު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.
ޖާބިރު ހައްޔަރުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ކުޅުދުއްފުށީ ކޯޓުން ނެރެފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައި ދެއްވުމަށް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ހަނާ ވަހީދު އެދިވަޑައިގަތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އަކީ ގާނޫނު އަސާސީއާ ޚިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި އެ މާއްދާ ބާތިލު ކުރުމަށް ފަހު ޖާބިރު ހައްޔަރު ކުރުމުގެ އަމުރެއްް ނެރެދިނުމަށް ވެސް ދައުލަތުގެ ފަރާތުން ވަކީލާ ހަނާ ވަނީ އެދިވަޑައިގެންފަ އެވެ.
ދައުލަތުގެ ވަކީލާ ހަނާ ވިދާޅުވީ ޖާބިރު ހައްޔަރު ކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ކުޅުދުއްފުށީ ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ އުސޫލުތަކަށް ރިއާޔަތް ނުކޮށް ނެރެފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި މީހެއްގެ ސިޔާސީ ނުވަތަ އެނޫން ވެސް ވިސްނުމަކަށް ނުވަތަ މާލީ ފުދުންތެރި ކަމަށް އަދި އެނޫން ވެސް ކަމަކަށް ބަލައި ތަފާތު ނުކުރުމަށް ބުނެފައިވާ އިރު އަދި ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއްކަމަށް ބުނެފައިވާ އިރު މަގާމަށް ރިއާޔަތްކޮށް ވަކިބަޔަކު އިސްތިސްނާ ކުރެވިދާނެ ކަމަށް ދައުލަތުން ނުދެކޭ ކަމަށް ވެސް ހަނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމާ އިރު ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އަށް ފަނޑިޔާރު ރިއާޔަތްކުރަން ޖެހޭ އިރު ޖާބިރު ހައްޔަރުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައި ވަނީ އެ މާއްދާގެ ބޭރުން އެކުލަވާލާފައިވާ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ. އަދި މަޖިލީހަށް ލިބިގެން ވަނީ ހަމައެކަނި މަޖިލީހުގެ މެންބަރުންގެ ސުލޫކާއި ހާޒިރީއާ އަދި އިދާރީ ކަންކަމާ ބެހޭ ގަވާއިދު ހެދުމުގެ ބާރު ކަމަށްވާ އިރު މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެ ގަވާއިދުގައި ހިމަނާފައިވާ 202 ވަނަ މާއްދާ އަކީ މަޖިލީހުގެ އިމުން ބޭރުން ގަވާއިދުގައި ހިމަނާފައިވާ މާއްދާ އެއްކަމަށް ވެސް ހަނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކޯޓުގައި އޭރު ފުލުހުން އެދިފައި ވަނީ މި މަހުގެ 16 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ޖާބިރު ހައްޔަރުކޮށްފައި ބެހެއްޓުމުގެ އަމުރަކަށެވެ. އަދި އެގޮތަށް އެ ކޯޓުން ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، ހެއްކާއި ގަރީނާ ހުރީ ފުލުހުންގެ އަތުގައި އެކަނި ކަމަށްވާ އިރު ޖާބިރަށް ފުލުހުންގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ފެންނަކަމަށް ބުނެ އެވެ.
މި މައްސަލައިގައި ޖާބިރު ވަނީ ދިފާއީ ތިން ވަކީލުން ހަމަޖައްސައިފަ އެވެ. އޭނާގެ ވަކީލުންގެ ޓީމުން މިއަދު ބުނީ ޖާބިރަށް ޗިޓް ލިބުނީ އިއްޔެ މެންދުގެ ވަގުތެއްގައި ކަމަށްވާތީ މައްސަލައިގައި ދިފާއުވާން ތައްޔާރުވުމަށް ވަގުތު ބޭނުންވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބުނީ އަންނަ ހަފްތާގައި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.