22 Nov 2012, 13:05
ޕޮލިސް ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ ޕޮލިސް އިންޓާ ޑިޕާޓްމަންޓް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޒަންގެ ފައިނަލްގެ ދެ ޖާގަ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް (އެސްއޯ) އަށް ނިސްބަތްވާ އެސްއޯ ޔަންގް ބްލަޑް އާއި އެސްއޯ ދަ ހާޓް ކަށަވަރުކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅެވުނު ދެ ސެމީ ފައިނަލް މެޗްގެ ތެރެއިން، ފުރަތަމަ ސެމީގައި ގަލޮޅު ޕޮލިސްއާ ވާދަކޮށް 5-2 ލަނޑުން މެޗް ކާމިޔާބު ކުރީ އެސްއޯ ޔަންގް ބުލަޑް އެވެ. ފޯރިގަދަ ސެމީފައިނަލް މެޗްގައި އެސްއޯ ޔަންގް ބްލަޑްގެ މުސްޠަފާ މުޙައްމަދު ދެ ލަނޑު ޖަހާފައިވާ އިރު މުއްރަތު އަޙްމަދު އާއި ޢަލީ ރިޝްވާންގެ އިތުރުން ޢަލީ ފަހްމީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްދީފަ އެވެ. ގަލޮޅު ޕޮލިސްގެ ލަނޑުތައް ޖަހާފައި ވަނީ އަޙްމަދު ރިފްޝާން އާއި މުޙައްމަދު އަރީފް އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައި ވަނީ މުޅިމެޗްގައި ވެސް މޮޅު ކުޅުމެއް ދެއްކި އެސްއޯ ޔަންގް ބްލަޑްގެ ޢަލީ ރިޝްވާން އެވެ.
ސެމީފައިނަލްގެ ދެ ވަނަ މެޗްގައި ދޫނިދޫ އާއި ވާދަކޮށް އެސްއޯ ދަ ހާޓް މެޗް ކާމިޔާބު ކޮށްފައި ވަނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2ން އެއްވަރު ވުމުގެ ސަބަބުން ނަތީޖާ ނެރުމަށް ޓަކައި ޕެނަލްޓީ ޖަހައިގެން އެސްއޯ ދަ ހާޓް އިން ކުރިހޯދާފައި ވަނީ، ނިޝާދު ޢަލީއާއި ޙުސައިން ޝިފާޒާއި ޙަސަން ނަޞީރުގެ އިތުރުން ޙަސަން ފަހީމް ޖެހި ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޓީމްގެ މުޙައްމަދު ޖާވިޒް ޖެހި ޕެނަލްޓީ ވަނީ ކާމިޔާބު ނުކުރެވިފަ އެވެ. ދޫނިދޫއިން ޖެހި 4 ޕެނަލްޓީގެ ތެރެއިން މުޙައްމަދު އިރުޝާދާއި މުޙައްމަދު ޢަލީ ޖެހި ޕެނަލްޓީ ކާމިޔާބު ކުރި އިރު އިބްރާހީމް މުޙައްމަދާއި އާތިފް މުޙައްމަދު ޖެހި ޕެނަލްޓީ ވަނީ ކާމިޔާބު ނުކުރެވިފަ އެވެ.
އެސްއޯ ޔަންގް ބްލަޑް އާއި އެސްއޯ ދަ ހާޓް ބައްދަލުކުރާ މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:15ގަ އެވެ. -- އަހުމަދު މުޖްތަބާ