22 Nov 2012, 12:53
ކ. ކާށިދޫގައި ސަރުކާރުން އިމާރާތް ކުރުމަށް ކަނޑައަޅާފައިވާ 800 މީހުންގެ ޖާގައިގެ ޖަލުގެ އަޅައިދޭނެ ފަރާތެއް ހޯދުމަށް ބީލަން އުސޫލުން ހުޅުވައިލައިފި އެވެ.
ފިނޭންސް މިނިސްޓްރީ މި މަހުގެ ފުރަތަމަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ބޭނުމަށް އަޅަން ހަމަޖައްސާފައިވާ ޖަލު އަޅާދިނުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ބީލަމުގެ ބައިވެރިވުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ކާށިދޫގައި ގާއިމުކުރާ ޖަލުގެ ބިންގާ އަޅާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ރަށުގައި ބޭއްވި ރަސްމިޔާތެއްގައި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ.
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސާވިސް (ޑީޕީއާރުއެސް) ބުނެފައި ވަނީ މަސައްކަތް ހަވާލުކުރާތާ ގާތްގަނޑަކަށް ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމޭނެ ކަމަށެވެ.
ކާށިދޫގައި އަލަށް ގާއިމުކުރާ ޖަލު އެޅުމުގެ ފްރޮޖެކްޓަކީ ސަތޭކަ މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް ވެސް ޑީޕީއާރުއެސް އިން ބުނެ އެވެ.