މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ ދެކޮޅަށް އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނެ، އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް ހުށަހެޅި މަައްސަލާގައި އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅާފައި ނުވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ ޔުނިއަނުން ބުނެފި އެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައިޕީޔޫގެ ހިއުމަން ރައިޓްސް ޓީމުން މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ނޫސްކޮންފަރެންސްގައި އެ ޓީމުގެ ލީޑަރަކަށް ހުންނެވި ފިލިޕީންސްގެ ޕާލަމެންޓް މެމްބަރު ފްރެންސިސް ފަމެލީނާ ދެއްވި ބަޔާނުގައި ވިދާޅުވީ މި އަހަރު ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ދެކޮޅަށް އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުން ކުރި ފުލުހުންނަށް އަދިވެސް އަދަބު ނުދީވާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"ޕާލަމެންޓަށް މަސައްކަތް ކުރެވޭނެ ހަމަ އެކަނި ގޮތަކީ ޕާލަމެންޓްގެ މެމްބަރުންނަށް ވޯޓްލީ މީހުން އެމީހުންނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ދައްޗެއް ނެތި އަދާކުރެވިގެންކަން ވަފުދުން ފާހަގަކުރަން. އެހެންވީމާ، މި އަހަރުގެ ކުރީކޮޅު މެމްބަރުންނާ ދެކޮޅަށް އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކުރި ފުލުހުންނަށް އަދަބުދީފައި ނުވާތީ ވަފުދުން ވަރަށް ބޮޑަށް ކަންބޮޑުވޭ،" ފަމަލީނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެކަން އެހެން އޮތުމުން މެމްބަރުންނަށް އަދިވެސް ބިރު އެބައޮތް ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު (ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު) މެމްބަރުންނާ ދެކޮޅަށް އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުންކުރި މައްސަލައަށް ދިހަ މަސް ދުވަސްވީ އިރު ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ އަށާއި ކަމިޝަނަރު އޮފް ޕޮލިސް އަށާއި ހޯމް މިނިސްޓަރަށާއި ހިއުމަންރައިޓްސް ކޮމިޝަނަށާއި ޑެޕިއުޓީ މިނިސްޓަރު އޮފް ހިއުމަން ރައިޓްސް އަށް ހުށައަޅުއްވާފައިވާނެ ކަމަށް ވެސް ފަމެލީނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލަ އައިޕީއޫއިން ދޫކޮށް ނުލާނެ ކަމަށާއި އެ މައްސަލައަށް ވާގޮތެއް ބަލަމުންދާނެ ކަމަށެވެ.

ރަލާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ދާދިފަހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ ހާމިދު އަބުދުލް ޣަފޫރާއި އަބުދުﷲ ޖާބިރު ހައްޔަރުކުރި ގޮތާ މެދު ވެސް އައިޕީޔޫއިން ކަންބޮޑުވުން ފާޅުކުރި އެވެ. ނަމަވެސް މަޖިލިސް މެމްބަރުންނަކީ ވެސް ގާނޫނަށް ވުރެ މަތީގައި ތިބޭ ބައެއް ނޫންކަން ފާހަގަކުރައްވާ ކަމަށް ވެސް ފަމެލީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަލާއި މަސްތުވާތަކެއްޗަކީ ރާއްޖޭގައި މަނާކޮށްފައިވާ ތަކެތި ކަމަށް ވިޔަސް، އެ ދެ މެންބަރުންނާއި ސިޔާސީ އިތުރު ބޭފުޅުން ހައްޔަރު ކުރުމުގައި އަމަލުކުރި ގޮތާއި ހައްޔަރުކުރި ވަގުތަށް ބަލާ އިރު އެއީ ސިޔާސީ ބޭނުމަށް ކުރި ކަމަކަށް ނުވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

އައިޕީޔޫގެ ހިއުމަންރައިޓްސް ޓީމް ތިން ދުވަހުގެ ދަތުރެއްގައި ރާއްޖެ އައީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިންސާނީ ހައްގުތައް ނަގާލުމުގެ މައްސަލަތަކެއް ރާއްޖޭގައި ފެންމަތިވުމާ ގުޅިގެންނެވެ.