މޯލްޑިވްސް މީޑިއާ ކައުންސިލާއި އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ޔުނިވަސިޓީ ގުޅިގެން ހިންގި އިންވެސްޓިގޭޓިވް ޖާނަލިޒަމް ޓުރެނިން ވޯކްޝޮޕް ނިންމި ދަރިވަރުނަށް ސެޓްފިކެޓްދީފި އެވެ.

އަޑުގެ ސެނެކޯ މާލަމްގައި ރޭ ބޭއްވި ރަސްމިޔާތުގައި ޓުރެއިނިން ފުރިހަމަ ކުރި ބައިވެރިނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ރަސްމިޔާތުގެ ޝަރަފްވެރިމެހެމާން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު އަބުދުﷲ މުއާޒް ޔޫސުފް ވިދާޅުވީ އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ޔުނިވަސިޓީގެ އިސް ދެ ތަޖުރިބާކާރުން ކިޔަވައި ދެއްވި އެ ޓްރެއިނިން ޕްރޮގުރާމަކީ ވަރަށް ވެސް މުހިންމު އަދި ކާމިޔާބް ޓްރެއިނިން ޕްރޮގުރާމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ނޫސްވެރިކަމުގެ ދާއިރާ އިން މީހުން ތަމްރީން ކުރުމުގެ ގިނަ ޕްރޮގުރާމްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ޓްރެއިންގައި ކިޔަވާދެއްވި އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ޔުނިވަސިޓީގެ ޕްރޮފެސަރު، ރޮންޑާ ބްރެއިޓް ވިދާޅުވީ ރާއްޖޭގެ މީޑިއާ އަށް ކުރިއެރުން އެބައޮތް ކަމަށާއި އެކަންކުރުމަށް ޓަކައި މީޑިއާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންވެއްޖެ ކަމަށެވެ.

އިންވެސްޓިގޭޓިވް ޖާނަލިޒަމް ކިވައި ދެއްވި އެ ކޯހަކީ މިމަހުގެ 12 އިން 21 އަށް ކުރިއަށްގެންދިޔަ ޓްރެއިނިން ޕުްރޮގުރާމެކެވެ. އެ ކޯހުގައި ކިޔަވައި ދެއްވީ އޮސްޓްރޭލިއާގެ ކްއީންސްލޭންޑް ޔުނިވަސިޓީ ދެ ތަޒުރިބާކާރުންކަމަށްވާ ރޮންޑާ ބްރެއިޓް އާއި ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަދި ޖާނަލިޒަމް ކިޔަވައިދިނުމުގެ މަސައްކަތްކުރައްވާ ސުކައި ޑޮތީ އެވެ.

އެ ވޯކްޝޮޕްގައި 20 މީހަކު ބައިވެރިވެ ސެޓިފިކެޓް ހާސިލުކޮށްފައިވެ އެވެ.