ޤާހިރާ (ނޮވެމްބަރ 22): އިސްރާއީލުން ޣައްޒާ އަށް ދެމުން ގެންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓާލިކަން ރޭ އިޢްލާން ކުރުމާ އެކު ބައިނަލްއަޤްވާމީ ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް މަރްޙަބާ ކިޔަމުން އެބަގެންދެ އެވެ.

ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އިސްރާއީލާއި ފަލަސްތީނުގެ ޙަމާސް ޖަމާއަތުން ޤަބޫލުކުރުމަށް ފަހު ރޭގެ ވަގުތެއްގައި ވަނީ ރަސްމީސިފައެއްގައި ޙަމަލާތައް ހުއްޓާލިކަން މިސްރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ކާމިލް ޢަމްރުޤާހިރާގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އިޢްލާން ކުރައްވާފަ އެވެ. މިއިޢްލާނަށް ފަހު އިސްރާއީލުން ވެސް އަދި ޙަމާސް އިން ވެސް އެއްވެސް ޙަމަލާއެއް ބަދަލުކުރިކަމުގެ ޚަބަރެއް ލިބިފައެއްނުވެ އެވެ.

އިސްރާއީލުން ޣައްޒާ އަށް ދެމުން ގެންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް އައިކަން އިޢްލާންކުރުމުން އެކަމަށް މަރްޙަބާ ވިދާޅުވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވަނީ މިކަމަށް މަސައްކަތްކޮށްދެއްވި މިސްރުގެ ރައީސް މުޙައްމަދު މުރްސީ އަށް ވަރަށް ބޮޑަށް ޝުކުރުދަންނަވާފަ އެވެ. އަދި ޙަމަލާތައް ހުއްޓުވުމަށްޓަކައި އިސްރާއީލަށް ބާރުއެޅުއްވި ކަމަށްޓަކައި ބާންކީމޫން ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.

ޣައްޒާ އަށް އިސްރާއީލު ދެމުންގެންދިޔަ ޢުދުވާނާއި އެކަމަށް ރައްދު ދިނުމުގެ ގޮތުން ޙަމާސް ޖަމާއަތުން އިސްރާއީލަށް ދެމުންގެން ދިޔަ ރޮކެޓް ޙަމަލާތައް ހުއްޓާލިކަން މިސްރުން އިޢްލާންކުރުމަށް ފަހު އދ.ގެ ސަލާމަތީ މަޖިލީހުން ނެރެފައިވާ ބަޔާނެއްގައި އެމަޖިލީހުން ވަނީ ޙަމާލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް އިސްރާއީލަށާއި ޙަމާސް ޖަމާއަތަށާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކަށް ވެސް ގޮވާލާފަ އެވެ.

ފަލަސްތީނުގެ ޙަމާސް ޖަމާއަތާއި އިސްރާއީލުން ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ޤަބޫލުކުރިކަން އިޢުލާން ކުރުމާއެކު ފަރަންސޭސި ރައީސް ފްރާންސްވާ އޮލާންޑް ވަނީމި އެއްބަސްވުމަށް އިޙްތިރާމް ކުރުމަށް އިސްރާއީލަށާއި ޙަމާސް ޖަމާއަތަށް އިލްތިމާސް ކުރައްވާފަ އެވެ. މީގެއިތުރުން ތުރުކީއާއި ޤަތަރުންވެސްވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދިޔަ ޢުދުވާން ނިމުމަކަށް އައުމުން އެކަމާމެދު އުފާކުރާކަމަށް ބުނެފަ އެވެ. ޙަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވި ނަމަވެސް ޣައްޒާއާދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް އިސްރާއީލުން ދެކޮޅު ހަދާފައިވާތީ ތުރުކީއާއި ޤަތަރުން ވަނީ އެކަމާ މެދު ހިތާމަކުރާކަމަށް ބުނެފަ އެވެ.

އަށް ދުވަސްވަންދެން އިސްރާއީލުން ޣައްޒާ އަށް ދެމުން ގެންދިޔަ އާދަޔާ ޚިލާފު ވަރުގަދަ ޢުދުވާނީ ޙަމަލާތަކުގައި އިސްރާއީލުން ފަލަސްތީނުގެ 148 މީހަކު ޝަހީދުކޮށް 1200 އެއްހާ މީހުން ޒަޚަމްކޮށްލާފައިވާ އިރު މީގެތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ދާއިރާތަކުން ބުނެފައިވެ އެވެ. އިސްރާއީލުގެ ޢުދުވާން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ޣައްޒާގެ މަދަނީ ތަންތަނަށެވެ. މީގެތެރޭގައި ސަރުކާރުގެ ޢިމާރާތްތަކާއި އާންމުންގެ ގެދޮރާއި ރެފިއުޖީ އަވަށްތަކާއި މީޑިޔާގެ މަރުކަޒުތަކާއި މަދަނީ އިންފްރާސްޓްރަކްޗަރ ހިމެނެއެވެ. (އަލްޖަޒީރާ)