22 Nov 2012, 09:06
ޓެކްސް ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި މީރާ އަށް ދައްކަން ޖެހޭ 1.5 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކި ދިވެހި ކުންފުންޏެއް ކަމަށްވާ، އެލަޔަންސް މެނޭޖްމަންޓް ކޮމްޕެނީގެ އެކައުންޓްތައް ފްރީޒް ކުރަން ކޯޓުން އަމުރެއް ނެރެފި އެވެ.
މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓުން އެ އަމުރު ނެރުނީ އެލަޔަންސްގެ އެޖެންޓް ކަމުގެ ދަށުގައި ރާއްޖެ އައި "ކޮސްޓާ ރޮމޭންޓިކާ" ކުރޫޒް ލައިނާއިން ބެޑް ޓެކްސް ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދެއްކުމަށް އެ ކުންފުންޏަށް ކުރި ހުކުމާ އެއްގޮތަށް އެ ކުންފުނިން ފައިސާ ދައްކަމުން ނުދާތީ މީރާ އިން ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމަމުންނެވެ. އެ ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރެވޭނެ ގޮތް ހެދުމަށް ބޭންކް ތަކަށް އަންގާ ކަމަށެވެ.
"އެލަޔަންސު"ގެ މައްޗަށް ފައިސާ ދެއްކުމަށް މީގެ ކުރިން ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ކޮސްޓާ ރޮމޭންޓިކާގެ 1500 އެނދުގެ ބެޑްޓެކްސް ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
މީރާ އިން މިހާރު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ސަރުކާރާ އެކު ކޮށްފައިވާ އެއްވެސް އެގްރިމަންޓަކާ އެއްގޮތަށް ފައިސާ ނުދައްކާ ކުންފުނިތަކާ އެކު މުއާމަލާތްކުރުން ހުއްޓާލައި އެފަދަ ވިޔަފާރިތަކުގެ ހުއްދަތައް ބާތިލްކުރަން ވެސް ވަނީ ނިންމައިފަ އެވެ.