22 Nov 2012, 02:36
ރެއާލް މެޑްރިޑާއެކު ކުޅުނު މެޗު 1-1 އިން އެއްވަރުވެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން މި އަހަރު ވެސް މެންޗެސްޓާ ސިޓީ ކަޓައި ރެއާލް ކޮލިފައިވެއްޖެ އެވެ.
މިއީ އަރަބި މަހުޖަނުން ފައިސާ އޮއްސަމުންދާ އިނގިރޭސި ލީގުގެ ޗެމްޕިއަން ސިޓީ ޖެހިޖެހިގެން ގްރޫޕް ސްޓޭޖުން ކެޓި ދެ ވަނަ އަހަރެވެ.
ބާކީ އެއް މެޗު އޮއްވައި ސިޓީ މުބާރާތުން ކެޓީ ފަހު މެޗުން މޮޅުވި ނަމަވެސް ދެ ވަނަ ބުރަށް ދެވޭ ވަރަށް ޕޮއިންޓް ނުލިބޭނެތީ އެވެ. މިހާތަނަށް ފަސް މެޗު ކުޅެގެން ސިޓީ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕް ޑީގެ ފުލުގަ އެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދިޔަ ރެއާލް އަށް 8 ޕޮއިންޓް އަދި އެއްވަނާގައިވާ ޖަރުމަނުގެ ބޮރޫޝިއާ ޑޯޑްމުންޑަށް 11 ޕޮއިންޓް ލިބިފައިވެ އެވެ. އެ ޓީމު ރޭ މޮޅުވީ ޓޭބަލުގެ ތިން ވަނާގައިވާ އަޔެކްސް އަތުން 4-1 އިންނެވެ.
ޗެމްޕިއަންސް ލީގުގައި ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯގެ 100 ވަނަ މެޗުގައި ރޭ އޭނާގެ ޓީމަށް ގޯލު ޖަހައިދިނީ 10 ވަނަ މިނިޓްގައި ކަރީމް ބެންޒެމާ އެވެ. ރޮބާޓޯ މަންޗިނީގެ ސިޓީ ނަތީޖާ ހަމަހަމަކުރީ 73 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ސާޖިއޯ އަގުއެރޯ އެވެ. މި ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން އަލްވާރޯ އާބެލޯއާ ފައުލްކުރުމުންނެވެ. އަދި މި ފައުލާގުޅިގެން ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި އޭނާ ދަނޑުން ފޮނުވާލި އެވެ.
ރޭގެ މެޗުތަކަށް ފަހު އާސެނަލް އާއި ޕީއެސްޖީ ވެސް ވަނީ ގަދަ އަށަކުން ޖާގަ ހޯދައިފަ އެވެ. އާސެނަލް މޮޅުވީ މޮންޓްޕެލިއާ އަތުން 2-0 އިންނެވެ. ލަނޑު ޖެހީ ޖެކް ވިލްޝެއާ އާއި ލޫކާސް ޕްޑޮލްސްކީ އެވެ. ޕީއެސްޖީ މޮޅުވީ ލަވޭޒީގެ ދެ ގޯލުންނެވެ.