19:00


ރިސޯޓުގެ ގޮތުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުފެށި އޮތް 12 ރަށުގެ އެގްރިމެންޓު ބާތިލުކުރުމަށް ސަރުކާރުން ކަނޑައެޅިތާ ތިން މަސް ފަހުން، އެކަން މިވަގުތު ކުރިއަށް ނުގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.


ސަރުކާރުގެ ގެޒެޓްގައި ބުނެފައި ވަނީ އެގްރިމެންޓާ އެއްގޮތަށް މަސައްކަތް ނިމިފައިނުވާ ރަށްތަކުގެ އެގްރިމެންޓު ބާތިލުކުރުމަށް މިދިޔަ ޑިސެމްބަރު 8 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމާފައިވީ ނަމަވެސް އެ ނިންމުމަށް މި ވަގުތު އަމަލުނުކުރުމަށް ވަޒީރުންގެ މަޖިލީހުން އަލުން ނިންމީ، ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުން ވިއްކާ ތަކެއްޗާއި، ދޭ ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި، އަދި މުހިންމު އިސްލާހުތަކެއް ހިމެނޭ ގޮތަށް، ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވުމާއެކު، އެ ބިލުތައް ރައްޔިތުންގެ މަޖިލީހުން ފާސްވެ، ގާނޫނުތަކަކަށްވެ، އެ ގާނޫނުތަކަށް އަމަލުކުރަން ފެށުމުން، މުޅި ޓޫރިޒަމް އިންޑަސްޓްރީގައި މިހާރު އަމަލު ކުރަމުންދާ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެތީ ކަމަށެވެ. އަދި އެ ރަށްތަކާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމެވުމާ އެއްގޮތަށް އަމަލުކޮށް، އެ ނިންމުންތައް ތަންފީޒުކުރުމަށް ފިޔަވަޅުތަކެއް އަޅާ ނިމޭފަހުން، އެ ދެ ބިލު ގާނޫނަކަށްވެ، އެ ގާނޫނުތަކަށް އަމަލުކުރަން ފެށުމުން، ތަފާތު މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި ރިސޯޓްތަކުގެ ކުއްޔާއި މުއްދަތަށް ވެސް ފާހަގަކުރެވޭ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ކަމަށް ވެސް ގެޒެޓްގައި ބުނެފައިވެ އެވެ.


އެގްރިމެންޓު ބާތިލުކުރުމަށް ކުރިން ނިންމި 12 ރަށުގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިއްސާވާ އެއާޕޯޓްސް އިންވެސްޓުމަންޓް މޯލްޑިވްސް (އެއިމް) އަށް ދޫކޮށްފައިވާ ށ. ފަރުކޮޅާއި، ދ. ކުޑަހުވަދޫއާއި، ގދ. މާވެއްދޫއާއި، ރ. އުފުލަންދޫއާއި، ތ. އޮޅުގިރި އާއި، ހ. މިލޭނިޔާ، ޝަބީރު އަހުމަދަށް ދޫކޮށްފައިވާ ތ. ކަޅުފަހަލަފުއްޓާއި، ގަޒީރާ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މިހާރު އޮތް ގދ. ގަޒީރާ އާއި، ކައިށިދޫ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މިހާރު އޮތް ގދ. ކައިށިދޫ އާއި، ކްލިއަ ސޭންޑަށް ދޫކޮށްފައިވާ ގއ. މުނަންދުވާ އާއި، ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް އަށް ދޫކޮށްފައިވާ ފުވައްމުލަކު ހޮޓާ އަދި ހ. އިރުވެލިގެ، އަލީ ޒާހިރަށް ދޫކޮށްފައިވާ ހއ. ނަރިދޫ އެވެ.


މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ.އަހުމަދު އަލީ ސަވާދާ މިއަދު ގުޅާލުމުން ވިދާޅުވީ މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައި ކަމަށާއި ރާއްޖެ ވަޑައިގެން އެކަމާ ބެހޭ އިތުރު ތަފްސީލް ދެއްވާނެ ކަމަށެވެ.