ހިނގަމުން މިދާ ސީޒަނަށް ފަހު ރެއާލްގެ ކޯޗުކަމުގައި ހޮސޭ މޮރީނިއޯ ނުހުންނާނެ ކަމަށް އެކުލަބުގެ ކުރީގެ ރައީސް ރޯމަން ކަލްޑެރޮން ބުނެފި އެވެ.

އޭނާ ބުނީ ޗެލްސީގެ ކުރީގެ ކޯޗު މޮރީނިއޯ ރެއާލް ދޫކޮށްދާން ނިންމައިފި ކަމަށާއި އެކަން ގަބޫލުކުރަން ޖެހޭ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ.

"މޮރީނިއޯއަކީ މޮޅު ކޯޗެއް. އެކަމަކު އޭނާގެ މިޒާޖަކީ ރެއާލް މެޑްރިޑުގެ ތާރީހާ ނުގުޅޭ ކަންތައްތަކެއް. ރެފްރީންނަށް ފާޑުކިއުމާއި އިދިކޮޅު ކުޅުންތެރިންނާއި ކޯޗުންނަށް ފާޅުގައި ޖެއްސުން ކުރުމުގެ އާދަތަކަކީ ރެއާލްގެ ތާރީހު ބާރުދޭ ކަންތައްތަކެއްނޫން. މި ސަބަބުތަކާހުރެ މޮރީނިއޯ އަށް ރެއާލްގައި ވަރުގަދަ ޝަހުސިއްޔަތަކަށްނުވެވުނު. އޭނާ އަށް މެޑްރިޑުގެ ދިރިއުޅުން ވެސް ކަމަކުނުދޭ،" މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށްވުރެ ކުރިން ރައީސްކަން ކުރި ކަލްޑަރެން ބުންޏެވެ.

ބާސެލޯނާގެ ކުރީގެ ކޯޗު ރޮބްސަންގެ ތަރުޖަމާނަކަށް ބާސެލޯނާގައި މަސައްކަތްކުރި މޮރީނިއޯ ވަނީ އިނގިރޭސިވިލާތުގައި ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ތަކުރާރުކޮށްބުނެފަ އެވެ. ނަމަވެސް އެދުވަސް އަންނާނީ ކޮން އިރަކުކަން ބުނަން އޭނާ ބޭނުމެއްނުވެ އެވެ.