22 Nov 2012, 00:56
ޗެލްސީގެ އާ ކޯޗަކަށް ލިވަޕޫލްގެ ކުރީގެ ކޯޗު ސްޕޭންގެ ރަފޭލް ބެނީޓޭޒް ހަމަޖައްސައިފި އެވެ.
ބެނީޓޭޒްގެ ދުވަސްވަރު ލިވަޕޫލާއި ޗެލްސީ ކުޅުނު ވާދަވެރި މެޗުތަކުގެ ސަަބަބުން ޗެލްސީގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލުކަމެއް ނެތް ބެނީޓޭޒަށް މަގާމު ދިނީ މިސީޒަނުގެ ނިޔަލަށެވެ. ސަބަބަކީ މި ސީޒަން ނިމުމުން ޗެލްސީގެ ކޯޗުކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ގެނައުމަށް ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް ބޭނުންވުމެވެ.
ލިވަޕޫލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ބެނީޓޭޒަށް ކޯޗުކަން ދިނީ މިއަދު ހަވީރު ޗެލްސީގެ ބޯޑުން ބޭއްވި ކުއްލި ބައްދަލުވުމަށްފަހު އެވެ. އޭނާގެ އިތުރުން ކޯޗުކަން ދިނުމަށް ދެން ޝޯޓް ލިސްޓު ކުރެވުނީ ޗެލްސީގެ ކުރީގެ ކޯޗު އިޒްރޭލުގެ އަވްރަމް ގްރާންޓެވެ.
ކޯޗުކަމާ ހަވާލުވުމުގެ ކުރިން އަބޫދާބީގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބެނީޓޭޒް ބުނީ އިޓަލީގެ އިންޓަމިލާނުން 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ބޭރުކުރި ފަހުން ޓީމަކާ ހަވާލުނުވެ ހުރީ ރަނގަޅު ކުލަބަކާ ހަވާލުވުމަށް ކަމަށެވެ.
"އަހަރެން ބޭނުންވަނީ ތަށި ހޯދޭ ފެންވަރުގެ ޓީމަކަށްދާނެ. އެވަރުގެ ކުލަބެއް ޗެލްސީ އަކީ. ނަތީޖާ ރަނގަޅުވާނެ ކަމަށް އުއްމީދުކުރަން،" ސްޕޭނުގެ ވެލެންސިއާ ގޮވައިގެން ޗެމްޕިއަންސް ލީގުގެ ފައިނަލް ދެ އަހަރު ކުޅުނު ކޯޗު ބުންޏެވެ.
ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ ކޯޗުކަމުގައި ހުރި ރޮބާޓޯ ޑިމަޓިއޯ ރޭ މަގާމުން ވަކިކުރުމުންނެވެ. އެއީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އަތުން 3-0އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ޓީމު މުބާރުން ކެޓުމުގެ ބިރުކުރިމަތިވުމުންނެވެ. ޑިމަޓިއޯ އަކީ ހުސްވި ސީޒަނުގައި ޗެލްސީއާ ވަގުތީ ގޮތުން ހަވާލުވެ ޗެމްޕިއަންސް ލީގާއި އެފްއޭކަޕް ކާމިޔާބުކޮށްދިން ކޯޗެވެ. މިހެންވެ ޗެލްސީން ބުނީ އެކުލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ޑިމަޓިއޯ ކުލަބަސް ކޮށްދިން ހިދުމަތުގެ އަގުވަޒަން ކުރާނެ ކަމަށާއި އަބަދުވެސް ޗެލްސީގައި ޑިމަޓިއޯއަށް ޖާގަ އޮންނާނެ ކަމަށެވެ.
ބެނީޓޭޒަކީ އަބްރޮމޮވިޗްގެ ނުވަ އަހަރުގެ ވެރިކަމުގައި ޗެލްސީއާ ހަވާލުވި ނުވަ ވަނަ ކޯޗެވެ. އޭނާ ކުޅުންތެރިންނާ ބައްދަލުކުރާނީ މާދަމާ އެވެ.