"ބޮޑުތިލަދުންމަތީ ވައުދުގެ ދަތުރު"ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ވަފުދެއް އެންމެ އުތުރުގެ ތިން އަތޮޅަށް މިއަދު ފުރައިފި އެވެ.

އެމްޑީޕީ އިން ބުނީ މިއަދުން ފެށިގެން އަންނަ މަހު 7ގެ ނިޔަލަށް، ހއ. ހދ. އަދި ށ. އަތޮޅަށް އެ ޕާޓީން ކުރާ ދަތުރުގައި އެ ތިން އަތޮޅުގެ މީހުން އުޅޭ 44 ރަށަށް ވެސް ޒިޔާރަތް ކުރާނެ ކަމަށެވެ.

އެ ޕާޓީން ބުނީ އެ ދަތުރުގެ ބޭނުކަމަކީ ރާއްޖޭގެ ތަރައްގީއަށް ޓަކައި އެ ޕާޓީން އެކުލަވާލި ތަރައްގީގެ ތަޞައްވުރުތަކާއި ރައްޔިތުންނަށްވީ ވަޢުދުތައް ދިވެހި ރައްޔިތުން ބަލައިގަތް މިންވަރު ދެނެގަނެގަތުމަށް ކުރާ ދަތުރެއް ކަމަށެވެ. އެ ދަތުރުގައި އެ ޕާޓީގެ ލީޑާޝިޕާއި ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ އެހެނިހެން ގުނަންތަކުން ބޭފުޅުން ބައިވެރިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެ ދަތުރަށް ފުރާވަޑައިގެންނެވުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންގެ ޕާޓީއެއް ކަމަށާއި ރައްޔިތުންގެ ވިންދާއި އިހްސާސްތައް ދެނެގަތުމަކީ އެމްޑީޕީން އަބަދު ވެސް ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އެމްޑީޕީ އިން ވަނީ "ވައުދު ފުދުނު ވަރު ބެލުމުގެ" ނަމުގައި ދެކުނަށް ވެސް ދަތުރެއްކޮށްފަ އެވެ.

ބޮޑު ތިލަދުންމައްޗަށް ކުރާ ދަތުރުގައި ވެސް ތަފާތު ރެލީތަކާއި ޚާއްސަ ޖަލްސާތައް ބާއްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.