ލޯކަލް ކައުންސިލް ތަކުގެ ބާރު ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތަކުގެ ތެރެއިން އިތުރު 46 ރަށެއްގެ ބިންތައް އެރަށުގެ ކައުންސިލްތަކާއި މިއަދު ހަވާލުކޮށްފި އެވެ.

ބިންތަށް ހަވާލު ކުރުމަށް ކަސްޓަމްސްގެ ރިކްރިއޭޝަން ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރަށްރަށުގެ ކައުންސިލްތަކާއި ބިންތަށް ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ބިންތަށް ހަވާލުކޮށް ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިހާތަނަށް 121 ކައުންސިލާއި ބިންތައް ހަވާލު ކުރެވިފައިވާ ކަމަށާއި ބާކީހުރި ބިންތަށްވެސް ކައިރި މުސްތަގްބަލެއްގައި ކައުންސިލްތަކާއި ހަވާލު ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކާއި ބިންތައް ހަވާލުކުރުމުން އެތަންތަން ތަރައްގީކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށާއި އިންވެސްޓަރުން ހޯދައިގެން އެތަންތަން ތަރައްގީ ކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބޭނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން މިއަދު ކައުންސިލްތަކާއި ހަވާލުކުރި ބިންތަކުގެ އެއްބަސްވުމުގައިވާ ގޮތުން އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދެއްގައި ހިމެނޭ ވަކި އިދާރާއަކަށް ހާއްސަ ބޭނުމަކަށް ހަވާލުކޮށްފައިވާ ބިންތައް ފިޔަވައި އެހެން ބިންތަކުގެ މިލްކުވެރިކަން ވަނީ ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކަންތައްތައް ހިނގަންޖެހޭނީ ޔުނިޓަރީ ދައުލަތެއްގައި އޮންނަ ގޮތަށް ކަމަށާއި ނަމަވެސް ބައެއް ކައުންސިލްތަކުން ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބައެއްފަހަރު އެބަފެނޭ ވަރަށް ނޭދެވޭ ކަންކަން ބައެއް ކައުންސިލްތަކުގެ ފަރާތުން. ރައްޔިތުންގެ ފަރާތަކުން ނޫން އެފަދަ ކައުންސިލްތަކުން މަސައްކަތްކުރަނީ. އެއީ އަޅުގަނޑުމެން އެ ރަށްރަށައް ދިއުމުން ނުވަތަ ދައުލަތުގެ އިސްވެރިން ދިއުމުން ރަށުގެ ރައްޔިތުން ކަންކުރާގޮތާއި ކައުންސިލަރުން ކަންކުރާ ގޮތާއި މުޅިން ތަފާތު. އެހެންވީމާ ރައްޔިތުންނެއް ނޫން އެ ރަށްރަށުގެ ކައުންސިލްތަކުން އެ ރެޕްރެންޓް ކުރަނީ. އެފަދަ ކަންކަން ސަރުކާރުން ބަލައެއް ނުގަނެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.